މަހަށް ފައިސާ ނުލިބޭތީ މަސްވެރިން އަދިވެސް އިހުތިޖާޖުގައި

މަސްވެރިންގެ އިހުތިޖާޖަށް އައްޑޫ މިފްކޯ ބަނދަރަށް އެއްވެފައިވާ މަސްދޯނިތައް --- ފޮޓޯ/ އިބްރާހިމް ޒުހުރީ

ސަރުކާރުގެ މަސް ކުންފުނި، މިފްކީގެ އައްޑޫ ސިޓީ ބަނދަރުގައި މަސްވެރިން އިއްޔެ ފެށި އިހުތިޖާޖު އަދިވެސް ހުއްޓައިނުލާ އެބަ ކުރިއަށް ގެންދެއެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫ މިފްކޯ ބަނދަރުގައި 80 މަސްވެރިން އަދިވެސް މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި، މި ކަމުގައި އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށްލާނެ ކަމަށް އިހުތިޖާޖުގައި ބައިވެރިވާ ބައެއް މަސްވެރިން ބުނަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިހުތިޖާޖުގައި ބައިވެރިވާ ބައެއް މަސްވެރިން ވަނީ ފެކްޓްރީގެ ބަދިގޭގެ މަސަައްކަތަށް ހުރަސްއަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އެ ކަމާ ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިން އައްޑޫގައި އިހުތިޖާޖު ފެށުމުގެ ކުރިން ވެސް އަދި މިހާރު ވެސް ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހަމުން އަންނަ ކަމަށެވެ. އަދި، ސަރުކާރާއި މިފްކޯއިން އެ ކަންކަން ހައްލުކުރަން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހިއްސާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފައިޒުއްރަހްމާން ވިދާޅުވީ، މަސްވެރިން މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން ކަމުގައެވެ. އޭނާ ވިދާޅުވީ، އިހުތިޖާޖު ކުރިއަށްދަނީ މިފްކޯގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެގައިކަމުން ރަށުގެ ރައްޔިތުންނާއި އެ ކަމާ އެހާ ބޮޑު ގުޅުމެއް ނެތް ކަމުގައެވެ.

އައްޑޫ މިފްކޯ ބަނދަރުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ/ އިބްރާހިމް ޒުހުރީ

މަސްވެރިން ކިރާ މަހަށް ފައިސާ ނުދީ ގިނަދުވަސްވާތީ މި ފަހުން މި މަހުގެ 12 ވަނަ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މާލޭގައި ވެސް ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ މަސްވެރިން ނިންމާލާފައިވަނީ 12 ވަނަ ދުވަހުގެ ރޭ މަސްވެރިންނަށް ތެލުގެ އަގު ހެޔޮކޮށްދޭން ސަރުކާރުން ނިންމުމުންނެވެ.

https://sun.mv/193439

އެންމެ ފަހުން މަސްވެރިން ބާނާފައިވާ މަހަށް ފައިސާ ދީފައިވަނީ ވެސް މި އިހުތިޖާޖަށް ފަހު މި މަހުގެ 13 ވީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ވަނީ އޭރު މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަނަށްވުރެ ގިނަ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މަސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ. އަދި، ބާކީ ފައިސާ ވެސް ވީ އެންމެ އަވަހަކަށް ޖަމާކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް އޭރު މިފްކޯއިން ވަނީ ބުނެފައެވެ.

އައްޑޫގައި އިއްޔެ ފެށި މުޒާހަރާއާއި ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ މި ދުވަސްވަރަކީ މަސްނުބާނާ ދުވަސްވަރަކަށް ވާތީ ބާކީ ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުވެފައިނުވާ ކަމަށެވެ.

ނަމަވެސް، މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ އަދަދު މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް