ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމުން އެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ގެއްލުމެއް ނުލިބޭނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ލޭނު މަސްވެރިކަން ނުކުރުމަށް އީޔޫއިން އެއްވެސް އިރަކު އަންގާފައިނުވާ ކަމަށެވެ. އެގޮތުން ލޭނު މަސްވެރިކަން ހުއްޓާލާފައި އޮތީ ސަރުކާރުގެ ސިޔާސީ ނިންމުމަކަށް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އީޔޫގެ ގައުމުތަކަށް އެތެރެކުރާ މަހުގެ ޓްރެފިކް ބޮޑުވެފައިވާ ކަމަށާއި އެ ޓްރެފިކް ކުޑަކުރަން ރާއްޖޭން މަސައްކަތް ކުރަމުން އަންނަތާ 12 އަހަރު ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެކަމަށް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ލޭނު މަސްވެރިކަމަކީ ދިވެހިން އެކަން ކޮށްގެން އިންތިހާއަށް ފައިދާ އިތުރު ކުރެވެން އޮތް ކަމެއް. ކީއްވެގެންތޯ އެކަން ނުކުރަންވީ؟ އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު ގޮތަށް ކުރެވޭތޯ
މީގެއިތުރުން، މިނިސްޓަރު ވަނީ ލޭނު މަސްވެރިކަން ކުރިއަށްދާ ގޮތް އެ މިނިސްޓްރީން ފުރިހަމައަށް މޮނިޓާ ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެެވެ. އެގޮތުން، އެ މަސްވެރިކަމުގައި އުޅަނދުތައް ހަރަކާތްތެރިވާ ގޮތްތަކާއި ގަވާއިދަށް އަމަލު ކުރާ މިންވަރު ބަލަން މޮނިޓަރިން ކެޕޭސިޓީ ގާއިމު ކުރުން ހިމެނޭ ކަަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސްވެރިކަމުގެ ތެރެއިން މިޔަރު ޕްރޮސެސްކުރުމަށް ހުއްދަ ދިނީ ބޭނޭ މިޔަރުގެ ރެކޯޑު ބެލެހެއްޓުމަށް ކަމަށާއި ކުރިން އެކަން ކުރަމުން ދިޔަ ގޮތުން ލޭނުގައި ޖެހޭ މިޔަރުގެ ބާވަތްތައް ނޭނގޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ލޭނު މަސްވެރިކަމުގެ ގަވާއިދަކީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ދަށުން ފިޝަރީސް މިނިސްޓްރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގައި ވާގޮތުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި ބޭނުމަށެވެ. އަދި، ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖޭން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.