ފައިސާ ދޫނުކޮށްގެން އައްޑޫ ސިޓީ މިފްކޯ ބަނދަރުގައި މަސްވެރިން އިހުތިޖާޖު ކުރަނީ

އައްޑޫ މިފްކޯ ބަނދަރުގައި ކުރާ އިހުތިޖާޖުގެ ތެރެއިން: އިހުތިޖާޖު ކުރަމުން އަންނަނީ މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ނުދީގެން ކަމަށް ބުނެ މަސްވެރިން ދަނީ އަޑުއުފުލަމުން ---

މަސްވެރިން ބާނާ މަހަށް ފައިސާ ނުދީގެން އެކަމާ އަޑު އުފުލުމަށް އައްޑޫ ސިޓީ މިފްކޯގެ ބަނދަރުގައި މިއަދު އިހުތިޖާޖެއް ފަށައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ މެންބަރު ހުސައިން ފައިޒުއްރަހްމާން ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން އިހުތިޖާޖެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިހުތިޖާޖު ކުރިއަށްދަނީ މިފްކޯގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެގައި ކަމުން ރަށުގެ ރައްޔިތުންނާއި އެކަމާ އެހާ ބޮޑު ގުޅުމެއް ނެތް ކަމަށެވެ.

"ހުޅުދޫ ޖެޓީގައެއް ނޫން އެކަން ހިނގަނީ. އެއީ ހުޅުދޫ-މީދޫގެ މެދު ބަނދަރު ނޫނީ މިފްކޯ ހާބަރު،" އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ މާލޭ ބޭރުމަތީގައި ކުރި އިހުތިޖާޖުގެ ތެރެއިން: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ އައްޑޫ ސިޓީގައި ވެސް އަންނަނީ މުޒާހަރާ ކުރަމުން -- ފޮޓޯ/ އެކްސް

ފާހަގަކޮށްލެވޭ ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދީ ގިނަދުވަސްވާތީ މިފަހުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މާލޭގައި މިމަހުގެ 12ގައި ވެސް ވަނީ މަސްވެރިން އިހުތިޖާޖެއް ކުރިއެވެ.

މިފްކޯއިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

https://sun.mv/193169

މިފްކޯއިން 'ސަން'އަށް ބުނީ މި ދުވަސްވަރަކީ މަސްނުބާނާ ދުވަސްވަރަކަށް ވާތީ ބާކީ ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުވެފައިނުވާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ ތަފްސީލު މިހާތަނަށް އެނގިފައެއް ނެތެވެ.

comment ކޮމެންޓް