ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ބާކީ ހުރި ފައިސާ އަންނަ ހަފްތާގެ ނިޔަލަށް ދައްކާ ޚަލާސްކުރުން ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯއިން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، މި މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިންގެ ފައިސާ ނުދެވިހުރި ބިލްތަކާ ގުޅުވައި ފިޝަރީސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ އެ ކުންފުންޏާ ދެމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާގެ ތެރެއިން މިވަގުތަށް ހައްލުތަކެއް ހޯދިފައިވާ ކަމަށާއި އެ ކުންފުންނަށް ސަރުކާރުން ދޭން ޖެހޭ އެހީ މެދުނުކެނޑި ދެމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެއިތުރުން، މިފްކޯއަށް މައުލޫމާތު ލިބިފައިވާ ގޮތުން، ސަރުކާރުގެ އަމާޒަކީ އަންނަ ހަފްތާގެ ނިޔަލަށް ފައިސާ ދައްކާ ޚަލާސްކުރުން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
އެންމެ ފަހުން މިފްކޯއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ވަނީ ބިލިއަނަކަށް ވުރެ ފައިސާ ޖަމާކޮށްދީފައެވެ.
މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅުވައި މިދިޔަ އޮގަސްޓުމަހު މިފްކޯއިން ބުނެފައިވާ ގޮތުން، އަމާޒަކީ މި އަހަރު ނިމޭއިރު ހަފުތާއަކު އެއް ފަހަރާ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުން ކަމަށެވެ. އަދި، އަމާޒަކީ ދެ ހަފުތާއަށް ވުރެ ޑިލޭ ނުކުރުން ކަމަށާއި އަހަރު ނިމޭއިރު އެ މުއްދަތު ކުޑަކޮށް ކޮންމެ ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދިނުން ކަމަށް އޭރު މިފްކޯއިން ބުނެފައިވެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން އެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން ނިންމީ މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށެވެ.
އެ ބަދަލާއެކު، މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަން މިނިސްޓަރު ކުރިން ވިދާޅުވެފައިވެއެވެ.