މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެޕްލިކޭޝަނެއް އެކުލަވައިލާ، ރަޖިސްޓްރީވާން އެދެފި

ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި: ލައިސަންސް ހުރި އުޅަނދުތަކުގެ ފަޅުވެރިން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިލްތިމާސެއް --- ފޮޓޯ/ ސޯޝަލް މީޑިއާ

މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް "ކެޔޮޅު"ގެ ނަމުގައި އެޕްލިކޭޝަނެއް އެކުލަވައިލާ، ރަޖިސްޓްރީވާން ފިޝަރީސް މިނިސްޓްރީން އެދެފިއެވެ.

ފިޝަރީސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަސްވެރިންގެ ދަފުތަރު ފުރިހަމަ ކުރުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ދަފުތަރުގައި ރަޖިސްޓްރީވުމަަށް އަމަލު ކުރަން ޖެހޭ ގޮތް މަސްވެރިންނަށް ފޯރުކޮށްދިން ކަމަށެވެ. އަދި، މިހާރުވެސް މިނިސްޓްރީގެ ޓީމުތަކުން ދަފުތަރުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަސްވެރިން ދޯނިތަކެއް: ލައިސަންސް ހުރި އުޅަނދުތަކުގެ ފަޅުވެރިން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިލްތިމާސެއް -- ފޮޓޯ/ އެކްސް

މި ދަފުތަރު މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުތަކަކީ މަސްވެރިކަމާ ބެހޭ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ އެދެވޭ ގޮތެއްގައި ފަރުމާ ކުރުމަށާއި މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އެއްކުރެވޭ މުހިންމު މައުލޫމާތުތަކެވެ.ފިޝަރީސް މިނިސްޓްރީ

މަސްވެރިންގެ ގައުމީ ދަފުތަރު ވީއެންމެ އަވަހަށް ފުރިހަމަ ކުރުމަށް، އަންނަ މަހު އެކަކުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާ ކުރުމުގެ މަރުހަލާގައި އުޅަނދުތަކުގެ ހުރިހާ ފަޅުވެރިން ރަޖިސްޓްރީވެފައިވާ ކަން ޔަގީން ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މަސްތަކެއް: ލައިސަންސް ހުރި އުޅަނދުތަކުގެ ފަޅުވެރިން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިލްތިމާސެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެކަމުން، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އުޅަނދުތަކުގެ ހުރިހާ ފަޅުވެރިން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާކަން އުޅަނދުތަކުގެ ވެރިފަރާތްތައް ބެލުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް މިނިސްޓްރީން ބުނެފައިވަނީ، ދަފުތަރުގައި ރަޖިސްޓްރީވާ ގޮތް ކިޔައިދޭ ވީޑިއޯއެއް އެ މިނިސްޓްރީން ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި، ރަޖިސްޓްރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، ފިޝަރީސް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބާ ނަންބަރު 7928721އަށް މެސެޖުކުރުމަށް ބުނެފައިވެއެވެ.

މަސްވެރިންގެ ދަފުތަރު އެކުލަވައިލުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

comment ކޮމެންޓް