ސްޕެއިން ގަދަ 16އަށް، ތައްޓާ މެދު ސީރިއަސްކަން ދައްކާލައިފި

ޔޫރޯ 2024 ގެ ގްރޫޕް ބީގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ބަލިކޮށް ސްޕެއިން ގަދަ 16 ބުރަށް ދަތުރުކޮށްފިއެވެ.

ޖެލްސެންކިރަޗެން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުން އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ސްޕެއިން ގަދަ 16 ބުރަށް ދަތުރުކުރީ ދެ މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. މި ނަތީޖާއާ އެކު އިޓަލީއަށް އަދިވެސް ގަދަ 16 ބުރަށް ދެވެން އެބައޮތެވެ. އެއީ، މި ގްރޫޕުގައި ހިމެނޭ ކްރޮއޭޝިއާއާ ދެކޮޅަށް ނަތީޖާ ނެރެގެންނެވެ.

ސްޕެއިނުން ފުރަތަމަ ކުޅުނު މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 އިންނެވެ. އިޓަލީން އަލްބޭނިއާ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ ސްޕެއިނެވެ. ޚާއްސަކޮށް ސްޕެއިންގެ އެޓޭކް ލައިނުގައި ހިމެނޭ ޒުވާން ތަރި ލަމީން ޔަމާލާއި ނިކޯ ވިލިއަމްސްގެ ކުޅުން ފާހަގަވިއެވެ.

މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިގެން ދިޔައީ އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއާއި އެ ޓީމުގެ ޑިފެންސުން ދެއްކި ހިތްވަރުންނެވެ. ނަމަވެސް، އެޓޭކިން ރޭޓަށް ބަލާއިރު ސްޕެއިނަށް ރަނުގެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ސްޕެއިނުން މެޗުގެ ލީޑު ނަގާފައިވަނީ 55 ވަނަ މިނެޓުގައެވެ. މިއީ ނިކޯ ވިލިއަމްސް ނަގައިދިން ހުރަހެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ގޯލަށް ފަހު ވެސް އެޓޭކްކުރަމުން ދިޔައީ ސްޕެއިނުންނެވެ.

އެކަމަކު، އިޓަލީގެ ގޯލުގައި ހުރި ޖިއާންލުއިޖީ ޑޮންނަރުއްމާ ވަނީ ސްޕެއިންގެ ޓީމަށް އުނދަގޫކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ޒުވާން ފޯވާޑް ލައިނުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ސްޕެއިން މިހާރު ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގައި ދެން ހިމެނޭ އަލްބޭނިއާއާއި ކްރޯޝިއާއިން ވެސް ވަނީ ދެ މެޗުން ޕޮއިންޓެއް ހޯދައިފައެވެ. މިއީ މި ޔޫރޯގެ އެންމެ ވަރުގަދަ، "ގްރޫޕް އޮފް ޑެތު"ގެ ގޮތުގައި ބެލެވިފައި އޮތް ގްރޫޕެވެ.

މުބާރާތް ފެށިގެން އައިއިރު ސްޕެއިންއަކީ ފެވަރިޓެއް ނޫން ނަމަވެސް ރޭގެ މޮޅާ އެކު އެ ޓީމުން ވަނީ މުބާރާތުގެ ތަށި ހޯދަން އެ މީހުންގެ ސީރިއަސްކަން ދައްކައިފައެވެ.

comment ކޮމެންޓް