އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓަމިލް ނާޑޫގައި ވިހަ މާއްދާއެއް އެކުލެވޭ ބަނގުރާ ބޮއެގެން 36 މީހުން މަރުވެ، 60އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
ބަނގުރާ ބޮއެގެން މީހުން މަރުވެފައި ވަނީ އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީ އާއި އެ ސިޓީއާ 250 ކިލޯމީޓަރު ދުރުގައި އޮންނަ ކައްލަކުރީޗީ ޑިސްޓްރިކްޓްގައެވެ.
ވިހަ މާއްދާއެއް ކަމަށްވާ މެތަނޯލް އެކުލެވޭ އެ ބަނގުރާ ބޮއެގެން އިއްޔެއިން ފެށިގެން ހޮޑުލުމާއި ބަނޑުގައި ރިއްސުމާއި ބޭރަށްހިންގުން ތަހައްމަލު ކުރަމުންދާ 100 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ހާދިސާއާ ގުޅިގެން ސްޓޭޓް ސަރުކާރުން ބުނީ އެ ޑިސްޓްރިކްޓްގެ ޗީފް އެޑްމިނިސްޓްރޭޓަރާއި ޕޮލިސް ޗީފް ހިމެނޭ ގޮތަށް 10 އޮފިޝަލަކާ މެދު ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ކައްކާފައިވާ އެ ބަނގުރާ ވިއްކުމުގެ މައްސަލައިގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށް، މެތަނޯލް ހިމެނޭ ބަނގުރާގެ 200 ލީޓަރު އަތުލައިގެންފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ޓަމިލް ނާޑޫ ކައިރީގައި އޮންނަ ޑިސްޓްރިކްޓެއްގައި މިދިޔަ އަހަރުވެސް ވަނީ އެ ފަދަ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާގައިވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ.