ހައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް، އޭސީސީއަށް ހުށަހަޅަނީ

ދިވެހި ހައްޖުވެރިން: ހައްޖާޖީންނަށް އަގާ އެއްވަރުގެ ޚިދުމަތެއް ނުދެވޭ ކަމަށް ބުނެ މައްސަލަ ތަހުގީގަށް އޭސީސީއަށް ހުށަހަޅަނީ --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މިއަހަރުގެ ހައްޖުވެރިން އަތުން ނެގި ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވުނީ މުތޮއްވިފާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަަން (އޭސީސީ)އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ދިވެހި ހައްޖުވެރިއަކު މިއަދު ބުނެފިއެވެ.

މުޙައްމަދު ނިޒާމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރިކަން ހާމަކޮށް، ރާއްޖެއިން އަންނަ އަހަރުގެ ހައްޖުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އޭނާ ދެކޭގޮތް ހިއްސާކޮށްފައެވެ.

އޭނާ ބުނީ، ޖުމްލަކޮށް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ވަރަށް ފުރިހަމަކަމަށާއި ނަމަވެސް ބައެއް ފަހަރަށް ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ އިސްރާފުވިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި، މެނޭޖްމަންޓުން ފެންނަ ނުޖެހޭ ފަދަ އޮޅުންތައް އަރައި ބޮޑެތި 'ބްލަންޑާސް' ހެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަމާއި ތަޖުރިބާހުރި އައު މެނޭޖްމަންޓެއް ހައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކަމަށް ދެކޭކަމަށް ނިޒާމް ބުނެއެވެ.

ހައްޖުވެރިންތަކެއް މިނާގެ ޓެންޓެއްގައި ތޮއްޖެހިފައި: ހައްޖާޖީންނަށް ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވޭ ކަމަށްބުނެ، ތަހުގީގަށް އޭސީސީއަށް ހުށަހަޅަނީ --- ފޮޓޯ/ މުޙައްމަދު ނާޒިމް، ފޭސްބުކް

ހައްޖުވެރިޔާ އިތުރަށް ބުނީ، އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީ ގޮތުން ކަންކަން އޮޅުންފިލާފައި އަދި ކޮންމެސް ވަރަކަށް އަރަބި ބަސް ދަންނަ ބަޔަކަށްވެ، ގޫގުލް މެޕް ފަދަ އާދައިގެ އެޕްލިކޭޝަންތަކާއި މަޝާއިރު ރޫޓްތައް ދަންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް އިންތިޒާމް ކުރެވޭނެ މެނޭޖުމަންޓެއް އެ ކޯޕަރޭޝަނަށް ގެންނަން ޖެހޭނެކަން ފާހަގަކޮށް، އެނާ ބުނީ، ކޮންމެ މީހަކު ވެސް 85،000 ރުފިޔާ ދައްކައިގެން ހައްޖު އަޅުކަމަށް ދާއިރު އެ އަގާ އެއް ފެންވަރުގެ ޚިދުމަތެއް ލިބޭނެ ކަމަށް އުއްމީދު ކުރާނެ ކަމަށެވެ.

އެހެންނަމަވެސް، ލަންކާ މީހުންނާއެކު އެއް ޓެންޓު ސަރަހައްދާއި މުތޮއްވިފެއް ޝެއާކޮށްފައިވާ ކަމަށާއި ދިވެހިންނަށް މިނާގައި ޚިދުމަތް ދެވުނީ 'ސުމެއްގެ ރޭޓުން' ކަމަށް އޭނާ ބުނެއެވެ.

ހައްޖުވެރިން މިނާގެ ޓެންޓެއްގައި: ހައްޖާޖީންނަށް ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވޭ ކަމަށްބުނެ، ތަހުގީގަށް އޭސީސީއަށް ހުށަހަޅަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބިކަން ފާހަގަކުރެވުނު. ޓެންޓްތައް ހޫނުގަދަކަމުން ހީވަނީ އަވަނެއްހެން. ބައެއް ދިވެހިން ނިދީ ކައިރީގައި ހުރި މިސްކިތެއްގަ. ފުރަތަމަ ދެދުވަހު ދިނީ (ބަންގާޅީ) ކެއުން. ދުވަސްވީ ގިނަމީހުންތިބީ އެ ދެ ދުވަހު ނުކައި. ކާއެއްޗެހި ފޯރުކޮށްދެވެނީވެސް އެތައް އިރެއްފަހުން." އޭނާ ބުންޏެވެ.

އެއާއެކު، ހައްޖުވެރިން ދެއްކި ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށް ތުހުމަތުކުރެވޭކަމަށް ނިޒާމް ބުންޏެވެ. އެހެންވެ، އޭނާ ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެސީސީއަށް ހުށަހެޅުމަށް ނިންމާފައެވެ.

https://sun.mv/193408

ހައްޖުވެރިޔާ އިތުރަށް ބުނީ، ދުރާލައި މަސައްކަތްކޮށްގެން ޖަމްރާތައް ކައިރިން މިނާގެ ޓެންޓު ހަމަޖައްސަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ސައުދީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން ނިޒާމް ވަނީ، މިފަހަރު ހައްޖަށް ވަޑައިގެންނެވި އެއްވެސް ވެރިއަކު ހައްޖުވެރިންގެ ހާލު ބެއްލެވުމަށް އެއްވެސް ޓެންޓަކަށް ޒިޔާރަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަަށާއި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް