ހައްޖު އޮޕަރޭޝަން ކާމިޔާބު، އަންނަ އަހަރު މިއަށްވުރެ ރަނގަޅު ކުރާނަން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވިދާޅުވީ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރައްވާނެ ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަަށާއި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އަހަރުގެ ހައްޖުގެ ކަންކަން ދިޔަ ގޮތްތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، މިފަހަރު ދިވެހި ހައްޖާޖީންނަށް ދިވެހި ރަހަތަކާއެކު، ފެންވަރު ރަނގަޅު ކާނާ ފޯރުކޮށްދެވުނު ކަމަށާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އެގޮތުން، ޑައިލަސިސް ހަދާ ފަރާތްތަކާއި ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި ހިތުގެ ބަލި ހުރި ބައެއް ހައްޖާޖީން ތިބި ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ. އަދި، އެޑްމިޓް ކުރެވުނު މީހުންނަށް ވެސް މަތީ ދަރަޖައަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަން އޭނާ ވިދާޅުވިއެވެ.

ދިވެހި ހައްޖާޖީން: ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރައްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައި --- ފޮޓޯ/ ހައްޖު ކަޯޕަރޭޝަން

އިތުރަށް ޝަހީމް ފާހަގަކުރެއްވި ހައްޖުގެ އިތުރު ކާމިޔާބީތަކުގެ ތެރޭގައި:

  • މަގު އޮޅުނު 100 އެެއްހާ ހާޖީން ޑީވައިސްގެ އެހީގައި ލޮކޭޓްކޮށްގެން ހޯދި
  • އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް (ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު)
  • ވީލް ޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު އެ އެންމެނަށް އެހީތެރިކަން ދިނުން
  • އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ހައްޖާޖީން މިނާގައި ތިބީ ވަރަށް ހާލުގައި, ވަރަށް ތޮއްޖެހިފައިވާ ޓެންޓެއްގައި ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މިޑިއާގައި ވީޑިއޯތަކެއް ދައުރުވިއެވެ. މިނިސްޓަރު ޝަހީމް ވެސް ވަނީ އެކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ މިނާގެ ފޭލިގެތަކުގައި ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭގެއިތުރުން، މި ފަހަރަކީ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ހައްޖާޖީން ގެންދެވުނު ފަހަރު ކަމަށާއި މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިން ހައްޖުވެރިއަކު ގޮވައިގެން އެހީތެރިއަކު ދަނީ: މި ހައްޖުގައި، ފުރޮޅުލީ ގޮނޑީގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު އެ އެންމެނަށް އެހީތެރިކަން ދިން ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވަނީ ހައްޖުގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ހައްޖަށް ގޮސްފައެވެ. އޭގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުން ވެސް ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވައިފައެވެ.

comment ކޮމެންޓް