ރާއްޖެއަށް ވޯލްޑް ބޭންކްއިން އާ ކަންޓްރީ ޑިރެކްޓަރެއް

ރާއްޖެއާއި ލަންކާއާއި ނޭޕާލަށް ވޯލްޑް ބޭންކްއިން އައްޔަންކުރި ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން (ކ) --

ރާއްޖެއާއި ލަންކާއާއި ނޭޕާލަށް ވޯލްޑް ބޭންކްއިން އާ ކަންޓްރީ ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

ވޯލްޑް ބޭންކްއިން ނެރުނު ބަޔާނެއްގައިވަނީ، މިހާރު މި ގައުމުތަކުގެ ކަންޓްރީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާރިސް ހަދާދު ޒަރުވޯސްގެ ބަދަލުގައި އަންނަ މަހުގެ އެކަކުން ފެށިގެން ހުންނަވާނީ ޑޭވިޑް ސިސްލެން ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެމެރިކާއާއި އިޓަލީގެ ރަށްވެހިކަން އޮންނަ ސިސްލެން ވޯލްޑް ބޭންކްގައި މަސައްކަތް ކުރަން ފެއްޓެވީ 2001ގައި އެ ބޭންކުގެ އާބަން ކްލަސްޓާ ޔުނިޓުގެ އިކޮނޮމިސްޓެއްގެ ގޮތުގައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ، ލެޓިން އެމެރިކާއާއި ކެރިބިއަން ސަރަހައްދުގެ އާބަން، ޑިޒާސްޓާ ރިސްކް މެނޭޖްމެންޓުގެ ޕްރެކްޓިސް މެނޭޖަރެއްގެ ގޮތުގައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ސިސްލެން ވިދާޅުވީ އޭނާ އައު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން، ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރާއި ތަރައްގީގެ ބައިވެރިންނާއި ސްޓޭކްހޯލްޑަރުންނާ ގާތުން މަސައްކަތްކޮށް، ވޯލްޑް ބޭންކްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ހިންގުމުގެ މަޝްވަރާގައި އިސް ދައުރެއް އަދާ ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުން ވޯލްޑް ބޭންކްއިން އަންނަނީ، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އެގޮތުން މިމަހު ވެސް، އެ ބޭންކްގެ ކަންޓްރީ ޑިރެކްޓަރު ވަނީ ރާއްޖެއިން އާމްދަނީއަށް ވުރެ އިތުރަށް ޚަރަދު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ކަމަށް ވިދާޅުވެ، އިސްލާހީ ފިޔަވަޅު އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް