ކްލައުޑް ޚިދުމަތް ފުޅާކުރުމަށް ޖަރުމަނުގައި އެމެޒޯން އިން 10 ބިލިއަން ޔޫރޯ އިންވެސްޓްކުރަނީ

ކްލައުޑް އަދި ލޮޖިސްޓިކްސް ޚިދުމަތް ފުޅާކުރުމަށް ޖަރުމަނުގައި އެމެޒޯން އިން 10 ބިލިއަން ޔޫރޯ އިންވެސްޓްކުރަން ނިންމާފާވާކަން ހާމަކޮށްފިއެވެ.

ޖަރުމަނުގައި 10 ބިލިއަން ޔޫރޯ (10.75 ބިލިއަން ޑޮލަރު) އިންވެސްޓް ކުރަން ނިންމާފައިވާކަން އެމެޒޯން އިން އިއުލާންކުރީ ކްލައުޑް ކޮމްޕިއުޓިން އާއި ރީޓެއިލް ދާއިރާއިން ޖަރުމަނުވިލާތުގެ މުހިންމުކަން އިތުރުވަމުންދާކަން ފާހަގަކުރަމުންނެވެ.

ޖުމްލަ 8.8 ބިލިއަން ޔޫރޯގެ މި އިންވެސްޓްމަންޓުގެ ބޮޑު ބައެއް 2026 ވަނަ އަހަރުގެ ނިޔަލަށް އެމެޒޯން ވެބް ސާވިސަސް (އޭޑަބްލިއުއެސް) ފުޅާކުރުމަށް ކަނޑައަޅާފައިވާއިރު، ހާއްސަކޮށް ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި އޭއައި ޓެކްނޮލޮޖީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައުޑް އިންފްރާސްޓްރަކްޗާ އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް ވަނީ މި އިންވެސްޓްމަންޓަށް ތައުރީފު ކުރައްވައި، މި އަހަރު 4،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދުމުގެ ގާބިލްކަން އެގައުމަށް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

އެމެޒޯންގެ އެންމެ ފަހުގެ ވައުދާއެކު ޖަރުމަނުވިލާތުގައި އެ ކުންފުނިން ކުރަން ރާވާފައިވާ އިންވެސްޓްމަންޓްތަކުގެ އަދަދު 17.8 ބިލިއަން ޔޫރޯއަށް އަރާފައިވާއިރު، އެ ކުންފުނިން ވަނީ އެ ގައުމަށް ދިގު މުއްދަތުގެ ސްޓްރެޓެޖިކް ޕްލޭނެއް ރާވާފައެވެ.

އިޓަލީގެ ޑޭޓާ ސެންޓަރުތައް ފުޅާކުރުމަށް އޭޑަބްލިއުއެސް އިން މަލްޓި ބިލިއަން އިންވެސްޓްމަންޓްތަކާ މެދު ވިސްނަމުންދާކަން މީގެ ކުރިން ވެސް ރިޕޯޓުތަކުން އިޝާރާތްކޮށްފައިވާއިރު، ޔޫރަޕްގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ދާއިރާގައި އެމެޒޯންގެ ފުޅާ އުންމީދުތައް އިތުރަށް ހުރިކަން މިކަމުން ދައްކުވައިދެއެވެ.

މި އިންވެސްޓްމަންޓަކީ ޖަރުމަނުގެ ވިޔަފާރީގެ މާހައުލާއި ޔޫރަޕްގައި އެ ކުންފުނީގެ ސްޓްރެޓެޖިކް ޕޮޒިޝަނަށް އެމެޒޯންގެ އިތުބާރު އޮތްކަން އަންގައިދޭ އިންވެސްޓްމަންޓެކެވެ.

މިކަމުގެ ސަބަބުން ވަޒީފާ އިތުރުވެ، ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދުގައި އެމެޒޯންގެ ޓެކްނޮލޮޖީގެ ހިއްސާ މިހާރަށްވުރެ މާބޮޑަށް އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް