މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އައިޓީބީ ބާލިން 2025 ގައި ބައިވެރިވުމުގެ ތެރެއިން ބާލިންގައި 200 ޓެކްސީގެ ބޭރުގައި އިޝްތިހާރު ހަރުކޮށްގެން ފަށާ ޕްރޮމޯޝަނަލް ކެމްޕޭނެއް އިއުލާން ކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އައުޓްޑޯ އިނީޝިއޭޓިވް ކަމަށްވާ މި ކެމްޕެއިންގައި ޖަރުމަން މާކެޓުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެ ކުންފުނިން ބުނީ ޓެކްސީ ކެމްޕޭން ފަސް ހަފްތާއަށް ކުރިއަށްދާއިރު، ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބާލިނޭލް (ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް)އާއި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިންއާ ވެސް ދިމާވާނެ ކަމަށެވެ.
މި އިވެންޓްތަކުގައި 600،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށާއި، މި ސަރަހައްދުގައި ރާއްޖޭގެ ވިޒިބިލިޓީ މަތިވާނެކަމަށް އެމްއެމްޕީއާރުސީން ލަފާ ކުރެއެވެ.
ވިޒިޓް މޯލްޑިވްސް ބްރޭންޑްގެ 200 ޓެކްސީގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި ޝައުގުވެރި މެސެޖުތައް ހިމެނޭއިރު، ބާލިންގެ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
ޓެކްސީތަކުގެ އިތުރުން މި ކެމްޕޭންގައި ބާލިނޭލްގައި ފާހަގަކޮށްލެވޭ ބިލްބޯޑްތަކެއް ހިމެނޭއިރު، މި ބޮޑު އިވެންޓު އަމާޒުކޮށްފައިވަނީ ފިލްމަށް ލޯބިކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށެވެ.
އެމްއެމްޕީއާރުސީން ބުނީ، މި އައުޓްޑޯ ކެމްޕޭނަކީ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށް، ޖަރުމަނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރު ކުރުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެއް ކަމަށެވެ.
މި ކެމްޕެއިންގެ އިތުރަށް، އައިޓީބީ ބާލިންގައި އެކިއެކި ހަރަކާތްތަކުގެ ތެރެއިން، އެމްއެމްޕީއާރުސީއިން ޓްރެވަލް ޓްރޭޑާއި މީޑިއާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާ ގުޅޭ ސެމިނާތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މީޑިއާ އާއި ނޫސްވެރިންނަށް ޚާއްސަ އިވެންޓެއް ކަމަށްވާ އައިއެމްއެމް ހިމެނެއެވެ.
އައިޓީބީ ބާލިންގައި ނެޓްވޯކިން ހަވީރެއް ބޭއްވުމުގެ ޕްލޭންތައް ކުރިއަށްދާއިރު، މޯލްޑިވިއަން ނައިޓް ވަނީ އޭޕްރީލް މަހުގެ ފަހުކޮޅު ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025އަށް ބަދަލުކޮށްފައެވެ.
އެމްއެމްޕީއާރުސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ.
އެ ކުންފުނީގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެއަށް ވަނީ އެވޯޑްތައް ލިބިފައެވެ.