ނ. މަގޫދޫގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެ ރަށު ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު ވިދާޅުވީ, މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައި ކަމަށެވެ.
އެގޮތުން، ފެނުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ފަތުހުﷲ ވިދާޅުވީ، ނަރުދަމާގެ މައްސަލައަށް ހައްލެއް ނުލިބޭތީ އެކަމާ ގުޅިގެން މައްސަލަތަކެއް ދިމާވަމުން އަންނަ ކަމަށެވެ.
އޭގެތެރޭގައި، ޖަންގުޝަންތަކުގެ ނަޖިސް ފެން ވަޅުތަކަށް ގޮސްގެން ފެނުގެ ވަހާއި ކުލަ ސަކަރާތްވުން ފަދަ މައްސަލަތައް ރަށުގެ ގިނަ ރައްޔިތުންނަށް ދިމާވަމުން އަންނަ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނ. މަގޫދޫގެ މަތިން: އެރަށުގެ ނަރުދަމާގެ މައްސަލަ ހައްލުނުވާތީ ރައްޔިތުން ވަނީ ކަންބޮޑުވެފަ ---- ފޮޓޯ/ މޯލްޑިވްސް ވާޓުއަލް ޓުއާ
އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނަށް ކަމަށާއި އޭގެތެރެއިން ފެނުގެ ނިޒާމުގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.
"އެ ނިޒާމުގެ ހޮޅިތައް ރަށު ތެރޭގައި އަޅާ ނިމި، ގޭގެއަށް ކަނެކްޝަން ލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެކަމް ނަރުދަމާގެ ހޮޅި އެޅުމުގެ އެއްވެސް އަމަލީ މަސައްކަތެއް މިވީހާތަނަށް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޯ ފެނުގެ ނިޒާމަށް ވުރެ ބޮޑަށް ރަށުގެ ރައްޔިތުން ބޭނުންވަނީ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ކަމަށެވެ. އެއީ ފެން ވަޅުތައް ހަޑިވެ ބޭނުންނުކުރެވޭ ހިސާބަށް ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. މަގޫދޫގެ މަތިން: އެރަށުގެ ނަރުދަމާގެ މައްސަލަ ހައްލުނުވާތީ ރައްޔިތުން ވަނީ ކަންބޮޑުވެފަ ---- ފޮޓޯ/ މޯލްޑިވްސް ވާޓުއަލް ޓުއާ
ސަރުކާރު ބަދަލުވި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އެ މައްސަލަ ހިއްސާ ކުރައްވާފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަން ފަތުހުﷲ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 330 އެއްހާ މީހުން ދިރިއުޅޭ މަގޫދޫ ރައްޔިތުންނަށް އަވަސް މުސްތަގްބަލެއްގައި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށް އުންމީދު ކުރާކަމަށް ފަތުހުﷲ ވިދާޅުވިއެވެ.