އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކޮށްފިއެވެ.
އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.
އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.
އެ މައްސަލަތަކާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ސަރަހައްދުތަކުން އެކި ގަޑިތަކުގައި ދިޔައީ ކަރަންޓު ކެނޑުމުންނެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ޔަގީން ކުރުމަށް ޓަކައި، އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓު އިންސްޓޯލްކޮށް، މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ.
ފެނަކައިން މީގެ ކުރިން ބުނީ އައްޑޫ ސިޓީގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު ސެޓު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ.
އެހެންވެ އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައި ވާތީ އެ ކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ބުންޏެވެ.
ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާތްކޮށް މިހާރު ހިންގާފައިވާއިރު ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއާ ޕާޓްސް ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފުތާގައި ހިންގަން ފެށޭނެކަމަށް ވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް ރޯދަ މަހު އައްޑީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ނުލިބިދާނެތީ އެސިޓީގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު ގިނަ މަހެއް ކަމަށް ވާތީއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑު މަތި ވަމުންދާތީ އެ ކަމަށް ޚާއްސަ ސަމާލުކަމެށް ދޭކަމަށް ފެނަކައިން ބުނެއެވެ.
ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންރުޓުގެ ޚިދުމަތް ފޯކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ޒިންމާ ނަގައިގެން އެ މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ފެނަކައިންވަނީ ދީފައެވެ.