އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ޓަކައި އާ ޖެނެރޭޓަރު ސެޓެއް ފޮނުވާން ފެނަކައިން ތައްޔާރުވެއްޖެއެވެ.
ފެނަކައިން މިއަދު ބުނީ، ސްޓެލްކޯއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ހޯދައި، އައްޑުއަށް ފޮނުވުމަށް މިހާރު ލޭންޑިން ކްރާފަޓަށް އަރުވައިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އައްޑޫ ސިޓީގެ ހިތަދުއާ ގުޅިފައިވާ ރަށްރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ.
އެހެންވެ އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައި ވާތީ އެ ކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާތްކޮށް މިހާރު ހިންގާފައިވާއިރު ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއާ ޕާޓްސް ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފުތާގައި ހިންގަން ފެށޭނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރޯދަމަހަކީ އާއްމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު ގިނަ މަހެއް ކަމަށް ވާތީއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ދާއިރު ދުވަހުން ދުވަހަށް ކަރަންޓު ޑިމާންޑު މަތި ވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެށް ދޭކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންރުޓުގެ ޚިދުމަތް ފޯކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ޒިންމާ ނަގައިގެން އެ ކުންފުނިން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އެ ކުންފުނިން ފަށައި، ދޮޅު އަހަރު ތެރޭގައި އަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.
އެ މައްސަލަތަކާ ގުޅިގެން ގުޅިފައިވާ ރަށްތަކުން އަންނަނީ އެކި ސަރަހައްދުތަކުގައި އެކި ގަޑިތަކުގައި ކަރަންޓު ކެނޑުމުންނެވެ.