އޭއައި މުބާރާތުން މޮޅުވީ އަސްލު ފޮޓޯއެއް، ކޮށްލީ ޑިސްކޮލިފައި

ފްލެމިންގޯން ކިޔާ މި ފޮޓޯ ހުށަހެޅުމުން އެންމެންވެސް ހީކުރީ މިއީ އޭއައި ފޮޓޯއެއް ކަމަށް --- ފޮޓޯ : މައިލްސް އެސްޓްރޭ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަންޒަރުތަކާއި ތަސްވީރުތައް އުފެއްދުމަށް ބޭއްވި މުބާރާތަކަށް ހުށަހެޅި ހަގީގީ މަންޒަރެއް، މުބާރާތުން އެއްވަނަ ހޯދައިފިއެވެ.

ފޮޓޯގްރަފީއަށް ޚާއްސަ ކޮންޓެސްޓެއް ކަމަށްވާ 1839 ފޮޓޯގްރަފީ އެވޯޑްސްގައި ވަނީ ދާދިފަހުން އޭއައިއަށް ޚާއްސަކޮށް ކެޓަގަރީއެއް ތައާރަފުކޮށްފައެވެ. އެއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް މަންޒަރުތައް ހިމެނުމަށް ތައާރަފުކުރި ކެޓަގަރީއެކެވެ.

އެ ކެޓަގަރީގައި އާންމުންގެ ވޯޓުން ހޮވާ ބަޔަށް، ފޮޓޯގްރަފަރެއް ކަމަށްވާ މައިލްސް އެސްޓްރޭ ފޮޓޯއެއް ހުށަހެޅީ ގަސްދުގައެވެ. އެސްޓްރޭއަކީ ތިމާވެއްޓާއި ތަފާތު ދިރުންތަކުގެ މަންޒަރުތައް ފޮޓޯ ނަގައި އުޅޭ ހުނަރުވެރި ފޮޓޯގްރަފަރެކެވެ. އޭނާ ހުށަހަޅާފައިވަނީ "ފްލެމިންގޯން" ނަން ދީފައިވާ ފޮޓޯއެކެވެ. މި ފޮޓޯއިން ފެންނަނީ ގުޑުގުޑާ ދޫންޏެކެވެ.

ފޮޓޯގައި ގުޑުގުޑާ ދޫނި ހުރިގޮތުން މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް ކަމުގައި ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް އޭއައި ކެޓަގަރީ އިން އެއްވަނަ ލިބުނީ އެސްޓްރީގެ ކެމެރާއިން ނަގާފައިވާ މި ފޮޓޯއަށެވެ.

ނަމަވެސް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް ނޫން ކަން އެނގުނީ އެއަށް އެއްވަނަ ވެސް ލިބުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އެއާއެކު މި ފޮޓޯ ވަނީ މިހާރު މުބާރާތުން ޑިސްކޮލިފައި ކޮށްލާފައެވެ.

މިކަމާ ގުޅިގެން އެސްޓްރޭ ބުނީ މުބާރާތަށް އޭނާގެ ފޮޓޯއެއް ހުށަހެޅީ ވަކި ކަމެއް ސާބިތު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެއީ ފޮޓޯގްރަފީ އާއި ހަގީގީ މަންޒަރުތައް ނަގާ އާޓިސްޓުންގެ ހުނަރުގެ ބޭނުން އަދިވެސް މުޖުތަމައުއަށް އޮތް ކަން ސާބިތު ކުރުމަށާއި އޭގެ މުހިއްމުކަން އޭއައިއަށް އަތުލައި ނުގަނެވޭނެކަން ދައްކާލުމަށް ކަމަށް އޭނާ ބުންޏެވެ.

އޭއައި އަކީ މުހިއްމު ޓޫލްއަކަށްވި ނަމަވެސް ބައެއް ކަހަލަ ހުނަރުތައް ނައްތައި ނުލެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް