ދިރިއުޅުމުގައި ގަވާއިދުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ގަބޫލުކުރެއެވެ.
ގަވާއިދުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމަކީ އަމިއްލަ ނަފްސަށާއި ހަށިގަނޑަށް އޭގެ ފައިދާ އެކި ގޮތްގޮތުން ކުރާ ކަމެއް ކަމަށް އެމެރިކާގެ ރެޖިސްޓަޑް ޑައިޓީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑެނިއެލް ހިލްޑްރެތް ވަނީ ބުނެފައެވެ.
ގަވާއިދުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުމުގެ ނިޔަތުގައި އެ މަސައްކަތް ފެށި ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި އެކަމަށް ފަރުވާކުޑަ ކުރެވޭ ގޮތް މެދުވެރިވުމުން ކަސްރަތު ކުރުމަށް ދެވޭ އިސްކަން ހަނދާންނެތި އެހެން ކަންކަމަށް އިސްކަންދެވޭ ފަހަރުވެސް މަދެއް ނޫން ކަމަށް ޑެނިއެލް ހިލްޑްރެތު ލިޔެފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ.

ބޭރަށް ގޮސް ކަސްރަތުކުރަން ފަސޭޙަ ނޫންނަމަ ގޭގައި ވެސް މިއީ ކުރެވިދާނެ ކަމެއް--ފޮޓޯ/ފޭސްބުކް
ކަސްރަތުކޮށް ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމަށް ބޭނުންވެ އެ ރޮގުން ހާސިލުކުރަން ބޭނުންވާ މުހިއްމު ކަންތައްތަކެއް ހުރެއްޖެނަމަ އެ ލަނޑުދަނޑިތައް ހާސިލުކުރަން ބޭނުންވަނީ ކީއްވެކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން މުހިއްމެވެ.
އެއަށްފަހު އޭގެ ސަބަބުން ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތައް އާއްމުކޮށް ފެންނާނެހެން ނޯޓުކޮށްފައި ބެހެއްޓުމަކީ ވެސް ތިމާ ކަސްރަތާ ގުޅުވާލަދޭނެ މުހިއްމު ކަމެއް ކަމަށް ޑެނިއެލް ވަނީ ބުނެފައެވެ.
ހަށިގަނޑަށް ބޭނުންވާ ކަސްރަތު ކުރުމަށް އެކަމަށް ހާއްސަ ޖިމްއަކަށް ނުވަތަ ސްޓޫޑިއޯއަކަށް ދާން ބޭނުންނުވާނަމަ އަމިއްލައަށް ގޭގައި ވެސް ކަސްރަތު ކުރުމަށް ވަކި ތާވަލެއް ތައްޔާރު ކޮށްލެވިދާނެއެވެ. އެގޮތުން ހާއްސަ ސަމާލުކަމެއްދީގެން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހަފްތާގެ ތެރޭގައި ކުރާނެ ކަސްރަތުތައް ނުވަތަ ހަރަކާތްތެރިކޮށް އުޅުމަށް ކުރެވިދާނެ ކަންކަން އަމިއްލަ ކަލަންޑަރަށް އިތުރުކޮށްލެވިދާނެއެވެ.

ކަސްރަތަކީ ކޮންމެހެން ވަކިން ޖިމްއެއް ނުވަތަ ސްޓޫޑިއޯއަކަށް ނުގޮސް ގޭގައި ވެސް ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
ގޭގައި ޓްރެޑްމިލް ނުވަތަ އެހެން ކާޑިއޯ މެޝިނެއްގެ އެހީގައި ކަސްރަތު ކުރާނަމަ އެންމެ ކަމުދާ ޓީވީ ޝޯއެއް ނުވަތަ ނުވަތަ ކިޔަން ބޭނުންވާ ވާހަކައެއް އެވަގުތު ކިޔާލެވިދާނެއެވެ. އޭރަށް ނޭނގި ހުއްޓާ ވަގުތު ނިމި އެ ދުވަހަށް ކަނޑައެޅުނު ޓާގެޓު ހުންނަނީ ކާމިޔާބު ކުރެވިފައެވެ.
މީގެއިތުރުން ބަރުދަން ލުއިކުރަން ވިސްނާއިރު ވީހާވެސް ލުއިފަސޭހަ ގޮތަކަށް އެކަން ފެށިދާނެ ކަމަށް ޑެނިއެލް ވަނީ ބުނެފައެވެ. އެގޮތުން ހަފްތާއަކު ލުއިކުރަން ބޭނުން ވަނީ ކިހާ މިންވަރަކަށްތޯ ކަނޑައެޅުމަށްފަހު އެއް މަސްތެރޭ ލުއިކުރަންވީ ކިހާ ބަރުދަނެއްކަމާ މެދު ވަކި ގޮތެއް ނިންމިދާނެ ކަމަށް ޑެނިއެލް ބުނެފައިވެއެވެ.
ކަސްރަތު ކުރުމާ އެއްވަރަށް ކޮންމެ ދުވަހަކު ކެއުމަށް ބޭނުންކުރާ ތަކެއްޗަށް ވެސް ހާއްސަ ސަމާލުކަމެއްދީ ތިމާގެ ހަށިގަނޑާ ގުޅުންހުރި ޑައިޓެއް ޚިޔާރުކޮށް އެގޮތުގައި ދެމިހުރުމަށް އިސްކަން ދިނުމަކީ ވެސް ކަސްރަތުކޮށް ހަރަކާތްތެރި ވުމަށް އެހީވެދޭނެ ކަމެއްގެ ގޮތުގައި ޑެނިއެލް ސިފަކޮށްފައިވެއެވެ.