'އައިސް ފޭޝަލް' ނުވަތަ ގަނޑުފެނުން މޫނުގެ ހަންގަނޑަށް ފަރުވާ ހޯދުމަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބަޔަކު އާދަވެގެން ކުރަމުން އަންނަ ކަމެކެވެ.
ހެނދުނު ހޭލާ ގޮތަށް ގަނޑުފެނުން މޫނު ދޮވުމަކީ މޫނުގެ ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މިކަމުގައި މިހާތަނަށް ސައިންޓިފިކް ހެއްކެއް ހޯދިފައި ނުވާ ކަމަށް އެމެރިކާގެ ވިމެންސް ހެލްތު، އެސްތެޓިކްސް އެންޑް ކޮސްމެޓިކްސް އަދި ހަމުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ޑރ.ސިންތިއާ ކޮބްގެ ލިޔުމެއްގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް ގަނޑުފެން ހޭކުމުން ލޯ ކައިރި ދުޅަވުމާއި މޫނުގައި ހުންނަ ބިއްސަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމަށް އެހީތެރިވެދޭ ކަމަށް ޑރ.ސިންތިއާ ކޮބް ވަނީ ބުނެފައެވެ.
ކޯލްޑް ތެރަޕީ ނުވަތަ ކްރިއޯތެރަޕީއަކީ ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކަށް ލުޔެއް ހޯދުމުގެ ބޭނުމުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ފަރުވާއެއް ކަމަށް ޑރ.ސިންތިއާނާގެ ލިޔުމުގައި ވަނީ ބުނެފައެވެ.
އޭގެތެރޭގައި ތަނެއް ދުޅަވެއްޖެނަމަ ދުޅަ ތިރިކުރުމާ އެކު ބްލަޑް ފްލޯ ދަށްކޮށް ހަށިގަނޑުގެ ސޮފްޓް ޓިޝޫތަކަށް ލުޔެއް ހޯދައިދިނުމަށް ދެވޭ އެންމެ މުހިއްމު ތެރަޕީއަކީ މިއީ ކަމަށް ޑރ.ސިންތިއާނާ ވަނީ ބުނެފައެވެ.
އައިސް ފޭޝަލްއިން މޫނުގައި ހުންނަ 'ޕަފްނެސް' ނުވަތަ ދުޅަކަން ކުޑަކޮށްދީ ޚާއްސަކޮށް ލޯ ކައިރީގައި ހުންނަ ދުޅަ ތިރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
އައިސްކިއުބް މޫނުގައި ހާކާނަމަ ލިބޭނެ އިތުރު ފައިދާތަކުގެ ތެރޭގައި މޫނުގައި ހުންނަ ތެޔޮކަން ފިލުވައިދީ، އިރުގެ އަވި ޖެހުމުގެ ސަބަބުން އަނދާފައި ހުންނަ ތަންތަން ރަނގަޅުކޮށްދީ، އިންފްލެމޭޝަން ދަށްކޮށްދީ ހަންގަނޑު ޒުވާންވެ މޫނުމަތީގެ ހަންގަނޑު ދުޅަހެޔޮކޮށް ހުރުން ހިމެނެއެވެ.
މޫނުގައި އައިސް ހޭކުމަށް ގޮވާލާ ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މިކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ހަތަރު ނުވަތަ ފަސް އައިސްކިއުބް އުއި ފޮތިކޮޅަކަށް ލުމަށްފަހު އެއް މިނެޓު ނުވަތަ ދެ މިނެޓު ވަންދެން މޫނުގެ ދަތްދޮޅި، ތުންފަތް، ނޭފަތް އަދި ނިތްކުރީގައި މަސާޖުކުރާ ގޮތަށް މަސާޖުކޮށްލުމެވެ.
އައިސް ފޭޝަލްއަކަށް ތައްޔާރުވާނަމަ ސަމާލުކަންދޭންޖެހޭ މުހިއްމު ކަންތައްތަކުގެތެރޭގައި، އައިސްކިއުބް ތައްޔާރުކުރަން ބޭނުންކުރާ އައިސްޓްރޭއަކީ އެކަމަށް ޚާއްސަ ސާފުތާހިރުކޮށް ގެންގުޅޭ އެއްޗަކަށް ހެދުން ވަރަށް މުހިއްމެވެ. އައިސްކިއުބުތައް މޫނުގައި ހޭކުމުގެ ކުރިން ވަރަށް ރަނގަޅަށް މޫނު ދޮވެލަން އާދަކުރަންވާނެއެވެ.
ހަމައެއާއެކު މާގިނައިރުވަންދެން އައިސްކިއުބްތައް މޫނުގައި ހޭކުމަކީ އެހާ ރައްކާތެރިކަމެއް ނޫން ކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ހަނދާންކުރަންވާނެ ކަމަށް ޑރ.ސިންތިއާ ކޮބް މިކަމާ ގުޅޭގޮތުން ރިވިއުކޮށްފައިވާ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.