ބިދޭސީންގެ ބަދަލުގައި ހއ. އަތޮޅަށް 52 ދިވެހި ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންތަކެއް ނަރުހުންގެ ދުވަސް ފާހަގަ ކުރަނީ -- ފޮޓޯ/ ހއ. އަތޮޅު ހޮސްޕިޓަލު، ފޭސްބުކް

ބިދޭސީންގެ ބަދަލުގައި ހއ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ގިނަ ދިވެހި ނަރުހުންތަކެއް ހޯދަން އިއުލާނު ކޮށްފިއެވެ.

އިއްޔެ ހއ. އަތޮޅު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި އަތޮޅު ހޮސްޕިޓަލުގެ އިތުރުން 12 ރަށެއްގެ ސިއްހީ މަރުކަޒަށް މުޅި ޖުމުލަ 52 ދިވެހި ނަރުހުން ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހއ އަތޮޅު ހޮސްޕިޓަލަށް 13 ނަރުހުން
  • ބާރަށް ސިއްޙީމަރުކަޒަށް 6 ނަރުހުން
  • މުރައިދޫ ސިއްޙީމަރުކަޒަށް 2 ނަރުހުން
  • ތަކަންދޫ ސިއްޙީމަރުކަޒަށް 6 ނަރުހުން
  • ހޯރަފުށީ ސިއްޙީމަރުކަޒަށް 4 ނަރުހުން
  • ތުރާކުނު ސިއްޙީމަރުކަޒަށް ނަރުހެއް
  • އުލިގަމް ސިއްޙީމަރުކަޒަށް 2 ނަރުހުން
  • މޮޅަދޫ ސިއްޙީމަރުކަޒަށް 2 ނަރުހުން
  • ކެލާ ސިއްޙީމަރުކަޒަށް 8 ނަރުހުން
  • ވަށަފަރު ސިއްޙީމަރުކަޒަށް 3ނަރުހުން
  • ފިއްލަދޫ ސިއްޙީމަރުކަޒަށް 2 ނަރުހުން
  • މާރަންދޫ ސިއްޙީމަރުކަޒަށް ނަރުހެއް
  • އުތީމު ސިއްޙީމަރުކަޒަށް 2 ނަރުހުން

ހއ. އަތޮޅު ހޮސްޕިޓަލަށާއި އަތޮޅުގެ އެހެން ސިއްޙީ މަރުކަޒުތަކަށް ދިވެހި ނަރުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ރެޖިސްޓާޑް ނަރުހުންގެ ޕަބްލިކް ސާވިސް ރޭންކް ފަހެއް އަދި، ހަތަކަށެވެ.

ޕަބްލިކް ސާވިސް ރޭންކު ފަހަކަށް ކުރިމަތިލާ ނަރުހުން، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނާސިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހަޔެއްގެ ސަނަދެއް ހާސިލްކޮށްފައި އޮންނަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

އަދި ޕަބްލިކް ސާވިސް ރޭންކު ހަތަކަށް ކުރިމަތިލާ ނަރުހުން، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނާސިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލްކޮށްފައި އޮންނަން ޖެހޭނެ ކަމަށް ވެސް އިުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިން ލައިސަންސް ލިބިފައިވާ މީހުންނަށް ވެސް އެ މަގާމަށް ކުރިމަތިލާ ނަރުހުން ވާން ޖެހެއެވެ.

ރޭންކް ފަހެއްގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11،428 ރުފިޔާ އާއި 5،333 ރުފިޔާގެ އެލަވަންސްގެ އިތުރުން ހާޒިރީ އިނާޔަތްވެސް ލިބޭނެއެވެ. އަދި ރޭންކް ހަތެއްގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13،057 ރުފިޔާ އާއި 6،094 ރުފިޔާގެ އެލަަވަންސެއް ލިބި ހާޒިރީ އިނާޔާތްވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ނަރުހުންގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ކުރިން ހއ. އަތޮޅު ހޮސްޕިޓަލަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ އީމެއިލް، [email protected] އަށްވެސް ލިޔެކިޔުން ހުށަހެޅޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ގެޒެޓުގައި އާންމު ކޮށްފައިވެއެވެ. އަދި ނަރުހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާނު އަންނަ މަހުގެ ތިން ވަނަ ދުވަހުން 31ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް