ހައްޖަށްދިޔަ މީހުންނަށް ސައުދީ އަރަބިއާގެ ސަރުކާރުން ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު ޝުކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢުދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މި ސިޓީފުޅުގައި ރައީސްވަނީ ހައްޖުގެ މަތިވެރި ދުވަސްވަރު މުސްލިމު އުންމަތުން އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަމުގެ އުސޫލުތައް ދަމަހައްޓައި، ހިތްހެޔޮކަމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި، ސުލްހަވެރިކަން ދެމެހެއްޓުމަށް އެދިވަޑައިގެން، އުއްމަތަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވައިފައެވެ.
އެ ސިޓީފުޅުގައި ރައީސްވަނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ސައުދީގެ ވަލީއަހުދާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލެއްވީ ވަލީއަހުދަށް ދުޅަހެޔޮ ސިއްޙަތެއްގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފަލާއި ހެވަށް އެދިވަޑައިގެންނެވެ.
މި ފަހަރަކީ މުޅިން އަލަށް ރާއްޖެއިން 1،000އަށް ވުރެ ގިނަ މީހުންނަށް ހައްޖު ކިއުއިން ޖާގަ ލިބުނު އަހަރެކެވެ. މީގެކުރިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށެވެ. އެ ގޮތުން މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ހައްޖަށް ގޮސްފައެވެ.
މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުން ވެސް ވަނީ ސަރުކާރުގެ ޚަރަދުގައި މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1،000 ރައްޔިތުން މި ފަސްއަހަރުގެ ދައުރުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އޭގެ ތެރެއިން ފުރަތަމަ 50 މީހުން ހައްޖަށް ފުރީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ.
ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020، އަދި 2021ވަނަ އަހަރު ރާއްޖޭން ހައްޖުގެ އަޅުކަމަށް މީހުންނެއް ނުފޮނުވައެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖު ކިއު ދިގުވެފައި އޮތީ ކޮވިޑް-19އާ ގުޅިގެން ތިން އަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުންނެވެ.