ފެންބޮޑުވުން ހައްލު ކުރުމަށް މ. ފަލާހު ޕްރީސްކޫލް ކުރިމަތިން އިއްޒުއްދީންމަގު މަރާމާތު ކުރަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ ފަލާހު ޕްރީސްކޫލް ކުރިމަތިން އިއްޒުއްދީން މަގު ރޫޅާލަން ފަށާފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ އެ މަގަކީ ފެން ހިނދުން ލަސް މަގެއް ކަމަށެވެ.
އެ މަގު ހަދައި ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބި، ސްކޫލް ކުދިންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މި ގޮތަށް ފެންހެދޭ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތައް މަރާމާތު ކުރުމާއި މާލެ ސާފުކޮށް ބޭއްވުމުގެ އިތުރަށް، ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ވެސް ސިޓީ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ވިއްސާރަ ދުވަސްވަރު މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުންވަނީ މިދިޔަ މެއިމަހުގެ ނުވަވަނަ ދުވަހު މަޝްރޫއެއް ފަށާފައެވެ.
އެ މަޝްރޫއު އިފްތިތާހު ކުރުމާއި ގުޅޭ ގޮތުން އާރުޑީސީގެ އޮފިޝަލަކު އެ ދުވަހު "ސަން"އަށް ވިދާޅުވީ މިހާރު މާލޭގައި ބޭނުންކުރަމުންދާ ޑީސެލިނޭޝަން ޕަމްޕުތަކަކީ ހަ ވޯޓުގެ ޕަމްޕުތަކެއް ކަމަށާ، މި މަޝްރޫއުގެ ދަށުން އެ ޕަމްޕުތައް 18 ވޯޓަށް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.
މާލޭގެ މަގުތައް ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުން ވެސް ނުކުރެވޭ ވަރަށް ފެންބޮޑުވުމެވެ.
މި މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާ ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫއަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.