ވިއްސާރަ ދުވަސްވަރުގައި މާލޭގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ވަގުތީ ގޮތުން ހައްލު ކުރުމަށް މަޝްރޫއެއް މިއަދު ފަށައިފިއެވެ.
ސަރުކާރުން ބުނި ގޮތުގައި މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ފެށި މަޝްރޫއެކެވެ.
މި ކަމަށް ޓަކައި މިއަދު ވެސްޓް ޕާކުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސިފައިން ހަރަކާތްތެރިވާ ކޮންމެ ދުވަހަކު ރައީސް އެ ކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
އަދި އެ މަނިކުފާނުގެ ގެންދަވަނީ އެ މަސައްކަތުގައި ސިފައިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ފިއްލަވައިދެއްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ކުރިން ވެސް، ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ނައްތާލެއްވުމަކީ ރައީސް މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
"އެހެން ކަމުން، އެ މަނިކުފާނުގެ ސީދާ އިރުޝާދުފުޅުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސުން އެމްއެންޑީއެފްގެ އިންޖިނިއާސްއާއި، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއާސްއާއި، އެމްއާރްޑީސީގެ ބޭފުޅުން އެއްކޮށް ތައްޔާރު ކުރަން ރައީސް އަންގަވައިގެން ތައްޔާރުކުރި ޕްލޭނެއް އެ މަނިކުފާނު ބައްލަވައި، ފާސްކުރައްވައި، އެ ކަމަށް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ފައިސާ ހަމަޖައްސަވާދެއްވާފައިވާތީ، މިއަދު ﷲގެ ހެޔޮ ރަޙުމަތްފުޅުން މި މަސައްކަތް މިއަދު މި ފެށެނީ،" ޣައްސާން ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މަގުތައް ދާއިމީ ގޮތެއްގައި ހެދުމުގެ ކުރިން، ވެސް އެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނައުމީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.
އެ ގޮތުން މި މަޝްރޫއު ފެށީ ޖޫން ޖުލައިގެ ވިއްސާރަ އައުމުގެ ކުރިން މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން މާލޭގެ އަމީނީ މަގުގައި ބަހައްޓާފައިވާ ޕަމްޕުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ ވެސްޓް ޕާކު ސަރަހައްދަކީ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ވެސްޓް ޕާކު ސަރަހައްދަށް ޖަމާވާ ފެން ބޭރު ކުރުމަށް ވަށައިގެން ލައިފައިވާ ތޮށިގަނޑުން ބައެއް ކަނޑައި، ޓްރެންޗެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
އަދި ޕަމްޕު ބޭނުން ކުރަން ޖެހޭ ހާލަތްތަކުގައި ޕަމްޕުތައް ވެސް ބޭނުން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ވެސްޓް ޕާކުގެ އިތުރުން އަދި އިތުރު ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މުއްޠަލިބު ވިދާޅުވިއެވެ.
"އެއާ އެއްކޮށް އެމްއެންޑީއެފުން މިހާރު ވެސް މަސައްކަތް ކުރައްވާ ސަރުކާރުގެ އެކި ކުންފުނިތަކާ އެކި އިދާރާތަކާ ގުޅިގެން، ބޭނުންވާ ބޮޑެތި އިތުރު ޕަމްޕުތައް ހޯދުމުގެ މަސައްކަތް ވެސް.. ވަގުތީ ގޮތުން މި ހައްލު ހޯދަނީ ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ޓަކައި،" މުއްޠަލިބު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިޓީޒް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ސަރުކާރުން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
އަދި ވިއްސާރަކޮށް ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ސަރުކާރުން އަޑުއަހައި، އެ ކަންކަމަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ޚާއްސަކޮށް، މުޅި ރާއްޖެއަށް އަދި ހަމަ އެއާ އެކީގައ މުޅި ރާއްޖެއަށް ވެސް ތަސައްވުރެއް އެކުލެވިފައިވާއިރު، މުޅި ރާއްޖޭގެ މަގުތައް ހެދިގެންދާއިރު، ވަރަށް ގިނަ ހިސާބުތަކަށް މި ކުރިމަތިވާ ފެންބޮޑުމުގެ މައްސަލަ އިރާދަ ކުރެއްވިއްޔާ ހައްލުވާނެކަން އެއީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު އުންމީދެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ސަރުކާރާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އިތުރުން އެމްއެންޑީއެފުން ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އާރުޑީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިހާރު މާލޭގައި ބޭނުންކުރަމުންދާ ޑީސެލިނޭޝަން ޕަމްޕުތަކަކީ ހަ ވޯޓުގެ ޕަމްޕުތަކެއް ކަމަށާ، މި މަޝްރޫއުގެ ދަށުން އެ ޕަމްޕުތައް 18 ވޯޓަށް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.
މާލޭގެ މަގުތައް ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުން ވެސް ނުކުރެވޭ ވަރަށް ފެންބޮޑުވުމެވެ.
މި މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫއަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.