ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިން މިއަދު ކުލަގަދަކޮށް ބޮޑުއީދު ފާހަގަކުރަން ފަށައިފިއެވެ.
ރާއްޖެއަށް އަޟްހާ އީދުގެ ފުރަތަމަ ދުވަހަކީ އިއްޔެ ކަމަށްވީ ނަމަވެސް، ގައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން އުޅޭ އެއް ގައުމު ކަމަށްވާ ލަންކާގައި އީދުގެ ފުރަތަމަ ދުވަހަކީ މިއަދެވެ.
ކޮލޮމްބޯގައި ދިވެހީން މިއަދު ހެނދުނު އީދު ހަރަކާތްތައް ފެށީ މޯލްޑިވްސް ކަލްޗާ ސެންޓަރު ހުންނަ ސޯސަން ވިލާގައި އީދު ނަމާދު ޖަމާއަތުގައި ކުރުމަށް ފަހުގައެވެ.

ސޯސަން ވިލާގައި ދިވެހިން އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން: ކޮލޮމްބޯގައި ދިވެހިން އީދު ފާހަގަކުރުމަށް ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ސަގާފީ ހަރަކާތްތަކެއް ބޭއްވި -- ފޮޓޯ/ ލަންކާ ހައި ކޮމިޝަން
އީދު ނަމާދަށްފަހު، އީދު ސައި ވެސް އެ މަރުކަޒުގައި ބޭއްވިއެވެ.
ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އީދު ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، ކޮމިޝަންގެ މުވައްޒަފުންނާއި ގިނަ އަދަދެެއްގެ ދިވެހީން ވެސް ބައިވެރިވެފައެވެ.
މިިއަދު ހަވީރު ސޯސަން ވިލާގައި ދިވެހި އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި މާލި ނެރުމާއި ބޮޑުމަސް ބޭނުން ހިމެނުނެވެ.

ލަންކާގައި ދިވެހިން އީދު ފާހަގަކުރުން: އީދަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި އީދު ސައި ވެސް ހިމެނޭ -- ފޮޓޯ/ ލަންކާ ހައިކޮމިޝަން
ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ މަރިޔަމް ޝިޔާނާ ވިދާޅުވީ މިގޮތަށް އީދު ފާހަގަކުރުމުގެ މަގުސަދަކީ ރާއްޖެެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި، ޚާއްސަކޮށް ކިޔަވާ ކުދިންގެ މެދުގައި ދިވެހި ސަގާފަތް ދިރުވައި އާލާކުރުން ކަމަށެވެ.
އެހެންވެ، ކޮންމެ އީދަކާ ގުޅިގެން ވެސް މިކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.