ސައިކަލުތަކުގައި ގަސްތުގައި ރޯކޮށްލީކަމުގެ ހެއްކެއް ނެތް: ފުލުހުން

ރޭ ސައިކަލުތަކެއްގައި ރޯކޮށްލުން: ފުލުހުން ބުނީ ގަސްތުގައި ރޯކޮށްލީކަމުގެ ހެއްކެއް ނެތް ކަމަށް --- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޭ ބަޔަކު ގަސްތުގައި ރޯކޮށްލީކަމުގެ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހެންވޭރުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގައި ރޯވެ، ފަސް ސައިކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އެ ހާދިސާ ހިނގީ ހެންވޭރުގެ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑު ކައިރީގައި އޮންނަ މެހެލި ގޯޅި ތެރޭގައި ރޭ 00:37 އެހާކަންހާއިރެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އެ ސައިކަލުތަކުގައި ބަޔަކު ގަސްތުގައި ރޯކޮށްލީކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

"ހެއްކަށް ބިނާކޮށް ބެލެވެނީ އެކްސިޑެންޓެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/193294

ފުލުހުން އެހެން ބުނި ނަމަވެސް ގިނަ ބަޔަކު އަންނަނީ ގަސްތުގައި ބަޔަކު ސައިކަލުތަކުގައި ރޯކޮށްލީ ކަމަށް ތުހުމަތުކުރަމުންނެވެ.

ސައިކަލުތަކުގައި ރޯވެ، ފަސް ސައިކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އެކަމަކު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ ސައިކަލުތަކާ ދިމާލަށް ހުރި ފެހިވިނަމާގޭގެ ގްރައުންޑް ފްލޯގައި ހުރި ބިއްލޫރީގައި ވެސް ރެނދު ލާފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ.

https://www.sun.mv/192906

ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ ތިންވަނަ ދުވަހުގެ މެންދަމު، ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ފެންމަތިވިއެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މެންދަމުން އަލިވެ 3:03 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާގައި ތިން ސައިކަލެއް ބޭނުންނުކުރެވޭ މިންވަރަށް އަނދާ އަޅިއަށްވިއެވެ. އަދި، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި ހުރި އިތުރު ހަތަރު ސައިކަލާއި ވޭނަކަށް ވެސް އަލިފާނުގެ ސަބަބުން ގެއްލުންވިއެވެ.

އެ މައްސަލައިގައި ތުހުމަތުވާ މީހާ ހުރީ ބަންދުގައެވެ.

comment ކޮމެންޓް