ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ އަނދާފައި -- ސަން ފޮޓޯ

މާލޭގެ ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް މިރޭ އަނދައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހެންވޭރުގެ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑު ކައިރީގައި އޮންނަ މެހެލި ގޯޅި ތެރޭގައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ 00:37 ހާއިރު ކަމަށާއި އެއާއެކު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން 00:42 ހާއިރު ނިއްވާލެވުނު ކަމަށް ސިފައިން ބުންޏެވެ.

އެ ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ އަނދާފައި -- ސަން ފޮޓޯ

އެ ސައިކަލުތަކުގައި ވަރަށް ބޮޑަށް ރޯވެފައި ހުރި މަންޒަރާއި، ބޯ ދުން އަރާ މަންޒަރު މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މިރޭ 00:40ހާއިރު އެ ސަރަހައްދުގައި ހުރި، މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ހަތަރު ސައިކަލެއް ވަރަށް ބޮޑަށް އަނދައިފައިވާއިރު، ފަސް ސައިކަލަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

އެ ސައިކަލުތަކާ ދިމާލަށް ހުރި ފެހިވިނަ މާގޭގެ ގްރައުންޑް ފްލޯގައި ހުރި ބިއްލޫރީގައި ރެނދު ލާފައި ހުރި މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

އެ ހާދިސާ ހިނގި ގޮތުގެ ތަފުސީލެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

މިމަހުގެ ތިން ވަނަ ދުވަހުގެ މެންދަމު، ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ފެންމަތިވިއެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މެންދަމުން އަލިވެ 3:03 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާގައި ތިން ސައިކަލެއް ބޭނުންނުކުރެވޭ މިންވަރަށް އަނދާ އަޅިއަށްވިއެވެ. އަދި، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި ހުރި އިތުރު ހަތަރު ސައިކަލާއި ވޭނަކަށް ވެސް އަލިފާނުގެ ސަބަބުން ގެއްލުންވިއެވެ.

https://www.sun.mv/192906

އެ މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް