މޯދީ، ރައީސް މުޢިއްޒަށް އީދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރުގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުންނަށް އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު މޯދީގެ ޢީދު ތަހުނިޔާގެ މެސެޖުގައިވަނީ ޢީދުގެ މުނާސަބަތުގައި ބާއްވާ ގުރުބާންކުރުންތަކާއި، އޯގާތެރިކަމާއި އަޚުވަންތަކަމަކީ އެންމެން ބައިވެރިކޮށްގެން ސުލްހަވެރި މުޖުތަމަޢެއް ބިނާކުރުމުގައި ކޮންމެހެން ބޭނުންތެރި ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ބޮޑުވަޒީރުގެ މެސެޖުގައިވަނީ އިންޑިއާގެ މުއްސަނދި ސަގާފަތުގެ ތެރެއިން އެ ގައުމުގެ ހުރިހާ ހިސާބެއްގައި ވެސް ފޯރިއާއި އުފާވެރިކަމާއެކު ޢީދު ފާހަގަކުރާކަން ފާހަގަކުރައްވާފައެވެ.

ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު އޮތް ގުޅުން މިދޭތެރެއިން ގޯސްވިއެވެ. އެއީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގެ ސަބަބުންނެވެ.

އޭގެ ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅަކަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

މޯދީ، ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒާއި ސަރުކާރުގެ އިސް ވަފުދެއް އިންޑިއާއަށް ވަޑައިގަތީ މި މަހުގެ އަށްވަނަ ދުވަހުގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒުވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފައެވެ. އެހެން ގައުމުތަކުގެ އިސްވެރީންނާ މޯދީ ބައްދަލު ކުރެއްވި ނަމަވެސް، މުޅި ދަތުރުފުޅުގެ ތެރެއިން ފެނިފައިވަނީ މޯދީ އާއި ރައީސް މުޢިއްޒު ވަރަށް އަރިހުގައިި ތިއްބެވި މަންޒަރެވެ.

https://sun.mv/193090

މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެން ދާނެ ކަމަށެވެ. ދިވެހިންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް