'ނިލަމެހި މަސްރޭސް' އަކީ ށ. ކަނޑިތީމުގައި ބާއްވާ އީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ފޯރިގަދަ އެއް ކުޅިވަރެވެ.
ދެހާސް އަށާރަވަނަ އަހަރު ބާއްވަން ފެށި މި ހަރަކާތް އޭގެ ފަހުން މެދުކެނޑިފައިވަނީ ކޮވިޑު އަހަރަށް އެކަންޏެވެ.
މިކަން އިންތިޒާމުކުރުމުގައި އިސްވެ ހަރަކާތްތެރިވަނީ އެ ރަށުގެ ޒުވާން ޓީމެކެވެ. އެ ޓީމަށް ދީފައިވާ ނަމަކީ ވެސް ނިލަމެއްސެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
ނިލަމެހީގައި އިސްވެ އުޅޭ މީހަކު މި ހަރަކާތާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ މަސްރޭހުގެ ތެރެއިން ވަރަށް ބައިވަރު އެހެން ކަންތައްތައް ވެސް ރަށު ތެރޭގައި ކުރިއަށް ދާކަމަށެވެ. އެގޮތުން މިއީ މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑުކޮށް ކުރިއަށް ގެންދާ ހަރާކާތެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ބޮނޑިބަތް ކައްކައިފައި ބޮޑު ޖާފަތެއް މި ބާއްވަނީ ރާއްޔިތުންނާއި، މި ރަށަށް ހަމަ އައިސް އުޅޭ ހުރިހާ މެހެމާނުންގެ ޝަރަފުގައި،" އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގައި ކޮންމެ އަހަރަކު ވެސް 12 ވަރަކަށް ޓީމު ބައިވެރިވެއެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މި ހަރަކާތް ފެށިގެން އައީ މިކަމަށް ޚާއްސަކޮށްގެން ކަނޑިތީމު ބަނދަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ކޮންމެ ޓީމެއް ވެސް އެ ތަނަށް ހާޒިރު ކުރާނީ ޝަރަފުގައެވެ.
އެއަށްފަހު މަސްރޭހުގެ ބައިވެރިންނަށް ފުރުމުގެ ހުއްދަ ދެވެނީ ކޮންމެ ޓީމެއްގެ ވެސް ލީޑަރުގެ ކަރުގައި އަޅުވާ ފޮނި ރޮއްޓަކުންނެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
މަސްރޭސް ކުރިއަށް ދިޔަވަގުތު ރަށުތެރޭގައި އަންހެން ވެރިންގެ ގުރޫޕުތައް ބޮނޑިބަތް ކެއްކުމުގައި ހަރަކާތްތެރިވިއެވެ. އަދި މަސްރޭހުގައި މަހަށް ނުދާ ފިރިހެންވެރިން ރޭގަނޑުގެ ބާބަކިއުއަށް ތައްޔާރުވުމަށް ނާށި ހޯދަން އުޅުނެވެ.

މަސްރޭހަށް ފަހު، ރޭގަނޑު އޮތް ޖާފަތަށް ބޮނޑިބަތް ކައްކައިފައި-- ފޮޓޯ/ ނިލަމެހި ފޭސްބުކް
މަސްރޭހުގެ ބައިވެރިން އެނބުރި ރަށަށް އަންނަން ޖެހޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅައިފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މަސްރޭސް ނިންމާލީ މަސްރޭހުގައި ގެނައި މަސްތައް ފިހެ ރަށުގެ ހުރިހާ ރައްޔިތުންނަށާއި އީދަށް ރަށަށް އައިސް އުޅޭ މެހެމާނުންނަށް ބޭއްވި ޖާފަތަކުންނެވެ. މި ޖާފަތުގައި ރަށުގެ ކުދި ބޮޑުއެންމެންގެ ބައިވެރިވުން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް ލިބޭ ކަމަށް ނިލަމެހިން މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ނިލަމެހި މަސްރޭހަށް ފަހު ރަށު ރައްޔިތުންނަށާއި، މެހެމާނުންނަށް އޮތް ކެއުން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
މި ޖާފަތް ކުރިއަށް ދިޔަ ވަގުތު މަސްރޭހުގެ ވަނަތައް ވެސް ވަނީ ހޮވައިފައެވެ.
އެގޮތުން މުޅި މަސްރޭހުގެ ވަނަ ތަކަށް ބަލާއިރު
- ފޮނިޔަ ޓީމު - އެއްވަނަ
- ވާނުވާ - ދެވަނަ
- އައުޓްކާސްޓު - ތިން ވަނަ
މުޅި މަސްރޭހުގެ ޗެމްޕިއަން ޓީމަށް ވަނީ 'މާކެޔޮޅު' އެވޯޑު ރޭ ހަވާލު ކޮށްފައެވެ. އަދި ޓީމުގެ ހުރިހާ ބައިވެރިންނަށް މެޑަލް ވެސް ވަނީ ހަވާލު ކޮށްފައެވެ.
އަދި އެންމެ ބަރު މަސް ބޭނި ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ 33 ކިލޯގެ ހިބަރެއް ބާނައިގެން އައުޓްކާސްޓެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
ތަފާތު ކެޓަގަރީތަކުން މި މުބާރާތުގައި އެއްވަނަ ހޮވައިފައިވާއިރު،
- ފުރަތަމަ ކެޓަގަރީ ޗެމްޕިއަން - ކަޅުބެ ޖޫނިއާ
- ދެވަނަ ކެޓަގަރީން ޗެމްޕިއަން - މުޑަހަނދި
- ތިންވަނަ ކެޓަގަރީން ޗެމްޕިއަން - ފޮނިޔަ
މި ކެޓަގަރީތަކުގެ ތެރޭގައި އެންމެ ގިނައިން ފަރުމަސް ބާނައިފައިވާ ޓީމު ވެސް ހޮވައިފައިވާނެ ކަމަށް ނިލަމެހިން މައުލޫމާތު ދެއެވެ.
ރޭ އޮތް ރަސްމިއްޔާތުގައި މި ޓީމުތަކަށް ވެސް ވަނީ ސެޓްފިކެޓު އަދި ފައިސާގެ އިނާމު ހަވާލު ކޮށްފައެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން-- ފޮޓޯ/ ނިލަމެހި ފޭސްބުކް
އިތުރަށް މުބާރާތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނިލަމެހިން ބުނީ މި އަހަރުގެ މުބާރާތަށް ކައުންސިލުގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
އެންމެންގެ ބައިވެރިވުން އޮވެގެން ކުރިއަށް ގެންދާ މި މަސްރޭހަކީ ކަނޑިތީމުގެ ރައްޔިތުން ކޮންމެ އަހަރަކު ވެސް ބޮޑު އީދުގައި އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ކުޅިވަރެވެ.