އަރަފާތުގެ ބިން (15 ޖޫން 2024): ޙައްޖުގެ އަޅުކަމަކީ ކަންދެއްކުމުގެ އަމަލަކަށް އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ އަމަލަކަށް ނުހެދުމަށާއި ޙައްޖުގެ ޝިޢާރުތައް ފާޅުކޮށް މަނާސިކުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މިއަދުގެ އަރަފާތުގެ ޚުތުބާގައި ގޮވާލައްވައިފިއެވެ.
އަރަފާތުގެ ބިމުގައި ހުންނަ މަސްޖިދުއްނަމިރާގައި މިއަދު އަރަފާތުގެ ޚުތުބާ ދެއްވީ މަސްޖިދުލް ހަރާމްގެ އިމާމެއް ކަމަށްވާ އަލްގާރީ ޑރ. އައްޝައިޚް މާހިރު ބިން ހަމަދު އަލްމުޢައިގިލީއެވެ. މިއީ ޑރ. އަލްމުޢައިގިލީ އަރަފާތުގެ ޚުތުބާ ދެއްވި ފުރަތަމަ ފަހަރެވެ. ޑރ. އަލްމުޢައިގިލީގެ ކުރިން 14 އިލްމުވެރިއަކު އަރަފާތު ދުވަހުގެ ޚުތުބާ ދެއްވާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ މަސްޖިދުލް ހަރާމްގެ އިމާމުންނާއި ސައޫދީ މުފްތީންނެވެ.
މިއަދުގެ އަރަފާތު ޚުތުބާގައި އަލްގާރީ ޑރ. އައްޝައިޚް މާހިރު ބިން ހަމަދު އަލްމުޢައިގިލީ ވިދާޅުވީ، ޙައްޖަކީ ޙައްޖުގެ ޝިޢާރުތައް ފާޅުކޮށް މަނާސިކުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ކަމަށާއި ދުންޔަވީ ކަންތައްތަކާއި ސިޔާސީ އަދި ހިޒްބީ މަސްލަހަތުތައް ޙައްޖުގެ އަޅުކަމުގެ ތެރެއަށް ވައްދައިގެން ނުވާނެ ކަމުގައެވެ.
ޑރ. އަލްމުޢައިގިލީ ޙައްޖުވެރިންނަށް ގޮވާލެއްވީ ހުރިހާ ޙައްޖުވެރިންގެ އަމާންކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށެވެ. މި ކަމަށްޓަކައި ޙައްޖުގެ މަޝްޢަރުތަކުގައި ޙައްޖުގެ މަނާސިކުތައް އަދާކުރާއިރު އެންމެންގެ ރައްކާތެރި ކަމަށް ސައޫދީ ސަރުކާރުން އެކަށައަޅާފައިވާ ހަމަތަކާއި އުސޫލުތަކަށް ތަބާވުމަށް އޭނާ ޙައްޖުވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި، އެއްވެސް ޙައްޖުވެރިއަކު އަނެއް ޙައްޖުވެރިއަކަށް އުނދަގޫވާނެ ގޮތަށް އަމަލުނުކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޙައްޖުގެ އަޅުކަމުގެ ވަގުތުތަކުގައި ގުރުއާން ކިޔެވުމާއި ދުއާކުރުމާ އަދި ޒިކުރު ކުރުންފަދަ ކަންކަމުގައި ގިނައިރު ހޭދަކުރުމަށް ވެސް ގޮވާލެއްވިއެވެ. ތަގުވާވެރިކަމަކީ އިބާދާތުގެ އިތުރުން އަޚްލާގާއި ރިވެތި ސުލޫކާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އަދި އަނެކާއަށް އިހުތިރާމްކޮށް އަނެކާގެ ހައްގުތަކަށް އަރައިނުގަތުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޖު ޚުތުބާގައި އަލްމުޢައިގިލީ ވަނީ ޙައްޖަތުލް ވަދާއުގައި ކީރިތި ރަސޫލާ މުހައްމަދު (ސައްލައްﷲ ޢަލައިހި ވަސައްލަމަ) މުސްލިމުންގެ އެއް ލައްކަ އެއްހާ މީހުންނާ އެކު މީގެ 14 ސަތޭކަ އަހަރު ކުރިން ޙައްޖުގެ އަޅުކަން އަދާކުރެއްވިގޮތުގެ މައްޗަށް ވެސް ބައްލަވާލައްވާފައެވެ.
ޙައްޖު ޚުތުބާގައި އޭނާ ވިދާޅުވީ، މާތްﷲ ގެ ނިއުމަތް ގުނައި އަދަދު ނުކުރެވޭ ކަމަށާއި އިންސާނުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެ ކަލާންގެ ބައެއް ކަންކަން އިންސާނުންނާ ކުރިމަތިކުރައްވާކަމަށެވެ.
ޑރ. އަލްމުޢައިގިލީ ދެއްވި އަރަފާތުގެ ޚުތުބާގައި ފަލަސްތީނުގެ މުޅި ރައްޔިތުންނާއި ޚާއްސަކޮށް ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމުގެ ސަބަބުން އުޅެންޖެހިފައިވާ ގިލަންވެރި ހާލަތަށް ބައްލަވާލައްވައި ޣައްޒާގެ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ގޮވާލައި ދުއާކުރެއްވިއެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވުމަށް މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ.
އަރަފާތު ދުވަހު މަސްޖިދުއްނަމިރާގައި އަރަފާތު ޚުތުބާ ދެނީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޙައްޖަތުލް ވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެ ކަމަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ޙައްޖަތުލްވަދާޢުގައި އެއް ލައްކަ މުސްލިމުންނާ އެކު އެކަލޭގެފާނު ޙައްޖުކުރެއްވި ގޮތަށެވެ.
މަސްޖިދުއް ނަމިރާއަކީ ސައޫދީގައިވާ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 110 ހާސް އަކަމީޓަރެވެ. މިއީ މައްކާގެ މަސްޖިދުލްހަރާމަށް ފަހު ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތް ބިނާކޮށްފައިވަނީ ކީރިތި ރަސޫލާ މުހައްމަދު (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޙައްޖަތުލްވަދާއުގައި ޚުތުބާ ދެއްވި ސަރަހައްދުގައެވެ.
އެންމެ ފުރަތަމަ މި ތަނުގައި މިސްކިތެއް ބިނާކުރީ އައްބާސީ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެއަށް ފަހު މިހާރު މިހުރި މަސްޖިދުއް ނަމިރާ ބިނާކޮށްފައިވަނީ 1932 ވަނަ އަހަރު އުފެއްދި ސައޫދީ ދައުލަތުގެ ބާނީ އަބްދުލްއަޒީޒު އަބްދުއްރަހްމާން އާލު ސުޢޫދުގެ ރަސްކަމުގައެވެ. އެއީ، މިހާރުގެ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ބައްޕާފުޅެވެ. އެއަށް ފަހު ސައޫދީ އެކި ރަސްރަސްކަލުންގެ ރަސްކަމުގައި މި މިސްކިތް އިތުރަށް ބޮޑުކޮށް ތަނަވަސްކޮށް ވަސީލަތްތައް ފުރިހަމަކޮށް އަޕްގްރޭޑްކޮށްފައިވެއެވެ.
އަރަފާތުގެ ޚުތުބާއަށް ފަހު ޙައްޖުވެރިން މެންދުރުނަމާދާއި އަސްރު ނަމާދު ކޮށްފައިވަނީ ޖަމްއުކޮށް ގަސްރު (ޖަމްއު ތަގްދީމު) ކޮށެވެ. އެއީ، ކީރިތި ރަސޫލާ ވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.
ޙައްޖު ދުވަހުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ.
މުޒްދަލިފާއަށްގޮސް ޙައްޖުވެރިން މަޣުރިބު ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއް ބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ، ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެ ކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދުކުރެއްވީ މުޒްދަލިފާގައި އެ ދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ. މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ 12 ކިލޯ މީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ 12 އަކަ ކިލޯ މީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގައެވެ.
މަޝްއަރުލްހަރާމްއަކީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވިއިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން ޙައްޖުވެރިން އާދީއްތަ ދުވަހު (އީދު ދުވަހު)ގެ ފަތިހު އަނެއްކާ ވެސް އަލުން އެނބުރި ދާނީ މިނާއަށެވެ. ޙައްޖުވެރިން ހަދްޔު ކަތިލުމާއި ޖަމްރާތަކަށް ހިލަ އުކުމުގެ ކަންތައް ކުރާނީ މިނާގައި ތިބެގެންނެވެ. ޙައްޖުގެ އަޅުކަން ނިމޭނީ ޖަމްރާތަކަށް ހިލަ އުކުމަށް ފަހު އަލުން މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުންނެވެ.