ޙައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރަން ޙައްޖުވެރިން އަރަފާތު ބިމުގައި

ހައްޖުވެރިން އަރަފާތު ފަރުބައިދައިގެ މަތީގައާއި އެފަރުބަދައިގެ ވަށައިގެންވާ ސަރަހައްދުަގައި

އަރަފާތުގެ ބިން (15 ޖޫން 2024): ޙައްޖުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ރުކުން ކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ އަޅުކަން އަދާ ކުރުމަށްޓަކައި ޙައްޖުވެރިން ޢަރަފާތު ނުވަތަ އަރަފާގެ ބިމަށް މިއަދު ޖަމާވެއްޖެއެވެ.

އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މި ބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ. ޙައްޖުވެރިން ޙައްޖުގެ އެންމެ މަތިވެރި ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބޭ ދުވަހަކީ ޙައްޖު ދުވަހެވެ. ނުވަތަ އަރަފާތު ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެ ތާނގައި ތިބުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭނެ ރުކުނެކެވެ.

އަރަފާތު ބިމުގައި ޙައްޖުވެރިން ދުވަސް ހޭދަކުރާނީ ކީރިތި ގުރުއާން ކިޔެވުމާއި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކުރުމާއި ޒިކުރު ކުރުމުގައެވެ. އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މި ބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ. ޙައްޖުވެރިން ޙައްޖުގެ އެންމެ މަތިވެރި ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެ ތާނގައި ތިބުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭ ރުކުނެކެވެ.

ޙައްޖުވެރިން އަރަފާތު ބިމުގައި

އަރަފާތު ބިމުގައި ޙައްޖުވެރިން ދުވަސް ހޭދަކުރާނީ ކީރިތި ގުރުއާން ކިޔެވުމާއި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކުރުމާއި ޒިކުރު ކުރުމުގައެވެ. މިނާގައި ތިބި ޙައްޖުވެރިން ޢަރަފާތުގެ ބިމަށް ދިޔުމުގެ ދަތުރު ފަށާފައިވަނީ ރޭގައެވެ. މިއަދު ހެނދުނު ވެސް ޙައްޖުވެރިންގެ ގިނަ ބަޔަކު އަރަފާތު ބިމަށް ދިޔައެވެ. މިއަދު މެންދުރުކުރިން ޙައްޖުވެރިން މިނާދޫކޮށް ޢަރަފާތަށް ގޮސް ނިމޭނެ ކަމަށް ސައޫދީ މީޑީއާތައް ބުނެއެވެ.

އަރަފާތަކީ މައްކާގެ ސަރަހައްދެކެވެ. އެ ސަރަހައްދަކީ މައްކާގެ ހަރަމްފުޅު ކަމަށްވާ އަލްމަސްޖިދުލް ހަރާމް ނުވަތަ ގެފުޅާ ގާތްގަނޑަކަށް 22 ކިލޯމީޓަރުގެ ދުރުގައިވާ ސަރަހައްދެކެވެ. އަރަފާތު ބިމުގައި ހުންނަ އެންމެ ތާރީޚީ ތަނަކީ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާއެވެ.

މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ޙައްޖު ކަމަށްވާ ޙައްޖަތުލްވަދާއުގައި އެކަލޭގެފާނު ދެއްވި މަޝްހޫރު ޚުތުބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަރު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ. އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ބާއްވާލެއްވީ އެކަލޭގެފާނު މިފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ.

މި އާޔަތަކީ ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ) المائدة:3 އެވެ. މާނައަކީ "މިއަދު ތިމަން ރަސްކަލާންގެ ނިއުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާންގެ ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި، އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން ރަސްކަލާންގެ ރުހިވޮޑިގެންފީމުއެވެ. ފަހެ، ބަނޑުހައިހޫނު ކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ ހަރާމް ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް) މަޖުބޫރުވި މީހާ ދަންނާށެވެ! ފަހެ، ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަހީމު ވަންތަ ރަސްކަލާންގެއެވެ،"

އަރަފާތުގައި ހުންނަ ނަމިރަ މިސްކިތް

މި އާޔަތް ބާއްވާލެއްވީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަ ށްފަހުގައެވެ. މިކަން ކުރަނީ ޙައްޖަތުލް ވަދާއުގައި އެކަލޭގެފާނު ޚުތުބާ ދެއްވިގޮތަށް މި މަތިވެރި ސުންނަތަށް އިޤްތިދާވުމުގެ ގޮތުންނެވެ.

މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ޙައްޖަތުލްވަދާޢުގައި އެއް ލައްކަ މުސްލިމުންނާ އެކު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވި ގޮތަށެވެ. އަރަފާތު ބިމުގައި ޙައްޖުވެރިން މިއަދުގެ ވަގުތުތައް ހޭދަކުރާނީ ކީރިތި ގުރުއާން ކިޔެވުމާއި ހެޔޮ ދުއާކުރުމާއި ތަކްބީރު ތަހްލީލުކުރުމުގައެވެ. އަރަފާތުގެ ބިމުގައި ޙައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ, ކީރިތި ރަސޫލާ ވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރު ނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

އިސްލާމީ ތާރީޚުން އެނގޭ ގޮތުގައި ސަލާމްލެއްވި އިބްރާހީމްގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު އިބްރާހީމްގެ ފާނުގެ ވަށައިގެން ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮންބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފުވެ ވަޑައިގެންނެވީ އަރަފާތުގެ ބިމުގައެވެ.

ޙައްޖުވެރިން މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއަކީ މިނާއާއި އަރަފާތާ ދެމެދުގައިވާ ސަރަހައްދެކެވެ.

މި ރެއަކީ ބަރަކާތްތެރި އަޟްޙާ ޢީދުވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަށް ގޮސް ޙައްޖުވެރިން މަޣުރިބު ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢު (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ.

އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދުކުރެއްވީ މުޒްދަލިފާގައި އެ ދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ. މިހާރު މަޝްއަރުލްހަރާމް މިސްކިތް ހުންނަނީ ވަރަށް ރީތިކޮށް ވަރަށް ބޮޑުކޮށް ބިނާކޮށްފައެވެ. ނަމަވެސް، އެ މިސްކިތުގައި ހުރިހާ ޙައްޖުވެރިން އެކުގައި ނަމާދުކުރެވޭ ވަރަށް ޖާގަ ނޯންނާތީ ޙައްޖުވެރިންގެ ގިނަ ބަޔަކު މަޣުރިބު ނަމާދާއި އިޝާނަމާދު ގަސްރުކޮށް ޖަމްޢުކޮށް ކުރާނީ ކުނާފަދަތަކެތި އަޅައިގެން މުޒްދަލިފާގެ އެކި ސަރަހައްދުތަކުގައެވެ.

މަޣުރިބު ނަމާދާއި ޢިޝާނަމާދު މުޒްދަލިފާގައި ކުރުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. ރޭކުރުމަކީ ނިދާލުމެވެ. ނިދާލުމަށް ފަހު ފަތިސްވުމުން ފަތިސްނަމާދުކުރާނީ މުޒްދަލިފާގައެވެ. ފަތިސްނަމާދު ކުރުމަށްފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން މިރޭ ފަތިހު ޙައްޖުވެރިން ދާނީ އަނެއްކާ ވެސް މިނާއަށެވެ.

މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެ ތަނެވެ. ދުރުމިނަކީ ފަސް ވަރަކަށް ކިލޯމީޓަރެވެ. އެހެންކަމުން މުޒްދަލިފާއިން މިނާއަށް ޙައްޖުވެރިން އާންމު ގޮތެއްގައި ދާނީ ހިނގާފައެވެ. ނަމަވެސް، އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ.

ޙައްޖުގެ މަޝާއިރުތައް ކުރިއަށްދަނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 2.3 ވަރަކަށް މިލިޔަން މުސްލިމުން ބައިވެރިވާކަމަށް ވެއެވެ. މިއީ ކޮވިޑް -19 ގެ ބަލިމަޑުކަމަށްފަހު އެންމެ ގިނަ ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރާ ފަހަރުކަމަށް ސައޫދީ ކަމާބެހޭ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.

މިއަދުގެ އިރު އޮއްސޭއިރު ޙައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް ނަފްރާކޮށް އަދި ފަތިހު މުޒްދަލިފާއިން މިނާއަށް ނަފްރާކޮށް އީދު ދުވަހުގެ ހެނދުނު ޙައްޖުވެރިން އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. އުޟްޙިޔާ ކަތިލުމުގެ ކަންތައް ކުރިއަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ ކަމާބެހޭ މުއައްސަސާތަކުންނެވެ. ފައިސާ ދެއްކުމުގެ ކަންތައް އޮންނާނީ ޙައްޖަށް ދިޔުމުގެ ކުރިން ނިންމާފައެވެ.

މިނާގައި ޙައްޖުވެރިން ކުރާނެ ކަމަކީ ޖަމްރާތަކަށް ހިލަ އުކުމެވެ. ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އެއީ، އައްޔާމުއްތަޝްރީޤުގެ ތިން ދުވަހެވެ. މިނާގައި ތިބޭ ތިން ދުވަހުގެ ތެރޭގައި ފިރިހެނުން ބޯބާލާނެއެވެ. ނުވަތަ ބޯ ކުރުކޮށް ކޮށާނެއެވެ. އަންހެނުން ބޮލުގެ އިސްތަށިގަނޑުން ތަންކޮޅެއް ބުރިކޮށްލާނެއެވެ. އަދި، އިހުރާމް ކަނޑާނެއެވެ.

އަވަހަށް ތަހައްލުލުވާން ބޭނުންވާ (ޙައްޖުގެ އަޅުކަން ނިންމާލަން ބޭނުންވާ) ޙައްޖުވެރިން ޖަމްރާތަކަށް ހިލައުކުމަށްޓަކައި މިނާގައި ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހުއެވެ. އެއަށް ފަހު އަވަހަށް ތަހައްލުލުވާން ބޭނުންވާ މީހުން މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިންމާލާނެއެވެ. މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.

ނަމަވެސް، އަވަހަށް ތަހައްލުލުވާން ބޭނުންނުވާ އަދި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު މިނާގައި މަޑުކޮށް ހިލައުކަން ބޭނުންވާ ޙައްޖުވެރިން އެ ތިން ދުވަހު ވެސް ތިބޭނީ މިނާގައެވެ.

އަވަހަށް ތަހައްލުލުވާން ބޭނުންނުވާ ޙައްޖުވެރިން މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔުކޮށް ޙައްޖުގެ އަޅުކަން ނިންމާލާނީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން އެންމެ ފަހު ދުވަހުއެވެ.

comment ކޮމެންޓް