އެއްގަމަށް އެރި ލޯންޗު އަދި ފުނެއް ނުކުރެވޭ، އަނިޔާވި މީހާގެ ހާލު ރަނގަޅު

ކިނބިދޫ ކައިރީ އޮތް ރަށަށް ލޯންޗު އަރާފައި: ކޮންޓްރޯލް ނުވެގެން ކިނބިދޫ ކައިރީ އޮތް ރަށަކަށް ލޯންޗެއް އަރައިފި --- ފޮޓޯ/ އިބްރާހީމް ރިލްވާން، ފޭސްބުކް

ކޮންޓްރޯލް ނުވެގެން ގޮސް ތ. ކިނބިދޫ ނެރު ކައިރީގައި އޮންނަ ކުޑަ ރަށަށް އަރާ ހިކިފައި އޮތް ލޯންޗު އަދިވެސް ފުން ނުކުރެވޭ ކަމަށާއި އެކަމަކު އެ ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ކިނބިދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ 'ވެލިމާ' ނަމަކަށް ކިޔާ ލޯންޗެއް ކޮންޓްރޯލްނުވެގެން ގޮސް ކިނބިދޫ ކައިރީ އޮންނަ ކުޑަ ރަށަށް އެރީ އިއްޔެ ހަވީރެވެ. އެ ލޯންޗު އެއްކޮށް އެ ރަށަށް އަރައި ހިކިފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކަށް ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތުދެއްވަމުން ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން މިއަދު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އެ މީހާއަށް އަނިޔާވީ ލޯންޗު ގޮސް އެ ރަށަށް އެރި ވަގުތު އޭނާގެ ކޮނޑަށް ކަމަށް އަލީ ވިދާޅުވިއެވެ.

އެކަމަކު، އެ ލޯންޗު އަރާފައި އޮތް ގޮތުން އަދިވެސް އެ ލޯންޗު ފުންނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، މިހާރު ވެސް އެ ރަށު މީހުން އަންނަނީ ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. ލޯންޗު އޮތް ސަރަހައްދަށް މީހުންނަށް ވަދެވޭގޮތަށް ސާފުކޮށް، އެ ފުންކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ލޯންޗު އަރާފައި އޮތްއިރު ލޯންޗުގެ ބަނޑުފިލާ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި، ލޯންޗަށް އެ ނޫން ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ލޯންޗު ވެރިފަރާތުން އެދޭގޮތަށް އެ ފުންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/193223

ވެލިމާ ލޯންޗު ކިނބިދޫ ނެރު ފަސްގަނޑަށް އަރައިގެން އެކްސިޑެންޓުވެއްޖެ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރު 17:00 އެހާކަންހާއިރެވެ.

އެ ލޯންޗު އެކްސިޑެންޓުވީއިރު އޭގައި ތިބީ ތިން މީހުންނެވެ. ފުލުހުން އިއްޔެ ބުނި ގޮތުގައި އޭގެ ތެރެއިން އަނިޔާވީ ދެ މީހަކަށެވެ. އެ މީހުންނަށް ވެސް ބޮޑު އަނިޔާއެއްވެފައިނުވެއެވެ.

comment ކޮމެންޓް