ދުއްވާފައި އައިލެއް ބާރުކަމުން، ކޮންޓްރޯލް ނުވެގެން ތ. ކިނބިދޫ ނެރު ކައިރީގައި ހިއްކާފައި އޮތް ރަށަކަށް ލޯންޗެއް އަރައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން، ކިނބިދޫ ކައުންސިލްގެ މެންބަރު ހުސައިން ސިޔާމް ވިދާޅުވީ، މިއަދު ހަވީރު 5:30 ހާއިރު، ރަށުގައި މަސައްކަތް ކުރަން ތިއްބާ ވަރަށް ބާރު އަޑެއް އިވުނު ކަމަށް ބައެއް މީހުން ބުނި ކަމަށެވެ.
މިގޮތުން، ނެރު ކައިރީ އޮތް ކުޑަ ރަށުގެ އެއްގަމަށް ލޯންޗު އަރާފައި އޮތް ކަމަށާއި އެ ރަށް އޮންނަ ގޮތުން ލޯންޗު ފުން ކުރުމަށް އެހީވުމަށް ވެސް ފަސޭހަ ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހީއެއް ވެސް ވެވޭކަށް އޮތް ވަރުގެ ރަށެއްނޫން އެއީކީއެއް. އޭތި އެއްގަމަށް ބޭލުމަކީ މި ރަށު ރައްޔިތުންނަށް ކުޅަދާނަ ކަމެއް ނޫން. އެއީ ވަރަށް އެއްގަމުގައި ހުރީ އާދާޔާ ޚިލާފަށް. މީހަކު ނުބުނާނެ އެއީ މޫދުން ގޮސް އެއްގަމަށް އަރާފައި އޮތް އެއްޗެކޭ،" އޭނާ ފާހަގަކުރެއްވިއެވެ.
އެ ލޯންޗު ފުންކުރުމަށް ވެރިފަރާތުން އެއްވެސް އެހީއަކަށް ނޭދޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެ ރަށު ދެ ދޯނި ވެސް މިހާރު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ ލޯންޗު ފުންކުރުމަށް ބޭނުން ކުރެވޭނެ ވަސީލަތެއް އެ ރަށުގައި ނެތް ކަން ވެސް އޭނާ ވަނީ ފާހަގަކުރައްފައެވެ.
"ސަން" އަށް މައުލޫމާތު ލިބޭ ގޮތުގައި، އެ ވަގުތު ތިން ފަޅުވެރިން ކަމަށްވާއިރު، ލޯންޗު އެ ރަށަށް އެރީ އާދާޔާ ޚިލާފު ބާރު ސްޕީޑެއްގައި ދުއްވާފަ އައުމުންނެވެ. އަދި، މިހާރު އެ ލޯންޗުގައި ހުރި އަގުބޮޑެތި ސާމާނު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
އެއާއެކު، ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ލޯންޗު ފުން ނުކުރެވޭ ކަހަލަ ގޮތަކަށް އެއްގަމަށް އަރާފައިވާ ތަން ފޮޓޯތަކުން ފެނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު 17:00 ހާއިރު 'ވެލިމާ' ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައި، އެކްސިޑެންޓެއްވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން، ލޯންޗުގައި ތިބި ތިން މީހުންގެ ދެ މީހުންނަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.