އޮޕަރޭޝަން ކުރަނގި: މާފުށިން 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފެށުން: އެރަށުން އެކަނި މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ --- ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމް މިނިސްޓްރީން ފެށި އޮޕަރޭޝަން ކުރަނގީގެ ދަށުން ކ. މާފުށިން މިހާތަނަށް 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަން ވަނީ ނިންމައިފައެވެ.

https://sun.mv/193166

އެގޮތުން، މި އޮޕަރޭޝަން މާފުށީގައި ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެރަށުން އެއްކުރެވުނު ބިދޭސީންގެ މައުލޫމާތު ހިއްސާކޮށް، ހޯމް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، މިހާތަނަށް 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަރަށް އަވަހަށް ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެގޮތުން، ހިންމަފުށީގައި ފެށީ މި އޮޕަރޭޝަނުގެ ފުރަތަމަ ބައި ކަމަށާއި މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް