މި ގައުމުގައި މިހާރު އެއްޗަކީ ޓިކްޓޮކެވެ. އެއް ބަޔަކު ކުޅެނީއެވެ. ގިނަ ބަޔަކު ބަލަނީއެވެ. އެ ކަމުގައި ނުޖެހޭ މީހަކު މަދެވެ. ޓިކްޓޮކަށް ކޮންޓެންޓް ހަދާ މީހަކު ނުފެނި ޕާކަކަށް ގޮސް ނާދެވޭނެއެވެ. އެފަދަ އެތައް "ސްޓޫޑިއޯއެއް" މި ވެރިރަށް މާލޭގައި ވެސް އެބަހުއްޓެވެ. މިހާރު އެންމެ ޓްރެންޑިން ސްޓޫޑިއޯއަކަށްވެފައި މިވަނީ ވަރަށް އަގު ބޮޑު ރަސްމީ ފާލަމެވެ.
މަޖާ ކޮންޓެންޓް އަޅާ ބައެއް ސޯޝަލް މީޑިއާ ޕޭޖުތަކުން މިފަހަކަށް އައިސް އެންމެ ހިނގާފައި ހުންނަ އެކައްޗަކީ ރަސްމީ ފާލަމުގައި ކޮންމެ ވެސް މީހަކު ނުވަތަ ބަޔަކު ނަށާ ވީޑިއޯއެކެވެ. އެހެންކަމުން މިކަމަށް އޮންނަ ފޯރި މި ފަހަކުން ބަލައިލީމެވެ.

އިއްޒުއްދީން ފާލަން--- ސަން ފޮޓޯ: މޫސާ ނަދީމް
މި ފަހަކުން އެއް ރޭ އިރުއޮއްސުނު ވަގުތު ރަސްމީ ފާލަން ކައިރި މަޑުކޮށްލީމެވެ. އޭރު ވެސް 15 ވަރަކަށް މީހުން ފާލަން މަތީގައި ތިއްބެވެ. ފެންނަފެނުމުން ހީވާގޮތުގައި މުޅިންހެން އެއީ ބިދޭސީންނެވެ. ބައެއް މީހުން ވާހަކަދައްކާލަން މަޑުކޮށްލައިގެން ތިބިއިރު އަނެއްބަޔަކު ސެލްފީތައް ނަގަމުން ދަނީއެވެ. އޭރަކު އަދި ބަލަން މިދިޔަ މަންޒަރެއް ނުފެއެވެ. އެކަމަކު، ނަސީބަކުން މާ ގިނައިރަކު މަޑު ކުރާކަށް ނުޖެހުނެވެ.
ނޭޕާލް ކުދިން ކަމަށް ބެލެވޭ ދެ ޖިންސުއްލަތީފުން ފާލަމަށް އަރައިފިއެވެ. އެއް ކުއްޖަކު ފޯނު ރެޑީކޮށްލުމާއެކު ފާލަން މެދުގައި ހުރެ އަނެއް ކުއްޖަކު އެ ފެށީ ނަށާށެވެ. ދެން ހަމަ ނަށަނީއެވެ. ބަލާ މީހުން ބަލަނީއެވެ. ގިނަ މީހުން ބެލި ވަރަކަށް އަދި ނަށާ ކުއްޖާ ކައިރިއަށް އިތުރަށް ފޯރިއަރައެވެ. ދޭތެރެ ދޭތެރެއިން ނެށުން ހުއްޓާލާފައި އެ ކުއްޖާ ގޮސް ފޯނުން ވީޑިއޯ ބަލާލައެވެ. އެއަށް ފަހު އަނެއްކާ ވެސް ފާލަމުގެ އެހެން ހިސާބަކަށް ގޮސް ނަށަން ފަށަނީއެވެ.
އެ މަންޒަރު ބަލަން ކިތަންމެހާ ވެސް މަޖަލެވެ. މިއީ ބިދޭސީ ބައެއް ފިރިހެނުން ވެސް އާއްމުކޮށް އެތަނުގައި ކުރާ ކަމެކެވެ. ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު އެކި ލަވަލަވައަށް ނަށައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުވައިދެއްވި, ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމަކީ 11.7 މިލިއަން ރުފިޔާގެ އަގު ބޮޑު މަޝްރޫއެކެވެ. އެމްޓީސީސީން އެ ފާލަން އަލުން ހަދަން ވަރަށް ދުވަސްވެސް ނެގިއެވެ. މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެކެވެ.
ފާލަން ތަރައްގީކޮށް ނިމިފައިވާއިރު، މިހާރު މި ފާލަން ބަލައިލަން ހިތްގައިމެވެ. ފާލަމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ހުރީ ހުދުކުލައާއި ރަން ކުލައެވެ. ރޭގަނޑު ފާލަން ދިއްލާފައި ހުންނަ އިރު، އެ ސަރަހައްދަށް އުފާވެރިކަން ގެނުވައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރަސްމީ ފާލަމަކީ އާއްމުންނަށް އެހެން އަރައި އުޅެވޭ ތަނެއް ނޫނެވެ. ރަސްމީކޮށް އެ ހުއްދައެއް ނޯވެއެވެ. އަދި ފާލަމަށް އަރައިފިނަމަ ސިފައިން ނުވަތަ ފުލުހުން އައިސް މީހުން ބާލުވައި ހަދައެވެ.
ނަމަވެސް، އިއްޒުންދީން ފާލަން މި ސަރުކާރުން ހުޅުވައި އެތަން ބަންދެއް ނުކުރެއެވެ. އަދި އެތަނަށް އަރައި ހެދުމަކީ މަނާ ކަމެއް ކަމަށް ބުނެފައެއް ވެސް ނެތެވެ. އަދި ކިތަންމެ ގިނަ ބަޔަކު އަރައި އުޅުނު ނަމަވެސް ބާލައެއް ވެސް ނޫޅެއެވެ.
އަގު ބޮޑު ފާލަމުގައި ޓިކްޓިކް ހެދުން އާއްމު ވެފައިވާއިރު މިކަމާ ގުޅިގެން އާއްމުންގެ ތެރޭގައި ބަހުސްކުރެވެއެވެ. އެއް ބަޔަކަށް މިކަން ހަމަ ރަނގަޅެވެ. އަނެއް ބަޔަކަށް މިކަން ކަމަކު ނުދެއެވެ.
"ބޮޑު ހަރަދު ކޮށްގެން މިތަންތަން ހަދަނީ މިކަހަލަ ސަކަރާތް ޖަހަންތޯ މިއީ ގައުމުގެ އިއްޒަތް ތެރިންނަށް ޚާއްސަ ތަންތަން މިތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ" އިއްޒުއްދީން ފާލަމުގައި މީހަކު ނަށާ ވީޑިއޯއަށް, ފޭސްބުކުގައި މުހައްމަދު މާޒިހު ކިޔާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ.
"އެހެން ބަޔަކަށް ތިޔަ ފާލަން ބޭނުން ނުކުރެވޭ ޓިކްޓޮކް ޝޫޓިންއަށް އަބަދުވެސް ފުލްވެފައި. ސަރުކާރުން އެބަ ޖެހޭ ތިތާ ތި ނާޗަރަންގީ މަނާކުރަން," އިތުރު މީހަކު ކޮމެންޓް ކޮށްފައިވެއެވެ.
ބޮޑު އަގުގައި ރަސްމީ ފާލަމެއް ހެދުމުގެ ބޭނުމަކީ ރަސްމީ ބޭނުންތަކަށް އެތަން ބޭނުން ކުރުމެވެ. އަދި، ރާއްޖޭން ބޭރުން އަންނަ އިއްޒަތްތެރީންނަށް މަރުހަބާ ދެންނެވުމެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް ޚާއްސަ ތަންތަން އަބަދު އާއްމުންނަށް ބަންދުކޮށްގެންނެއް ނުގެންގުޅެއެވެ. އެ ތަންތަން ހުޅުވާލާފައި ބެލެއްޓުމަކީ ގޯހެއް ނޫނެވެ.