ބިދޭސީންގެ މައުލޫމާތު އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފަށައިފި

ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފަށައިފި --- ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމް މިނިސްޓްރީން ފެށި އޮޕަރޭޝަން ކުރަނގި މިއަދު ކ. މާފުށީގައި ފަށައިފިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަން ވަނީ ނިންމައިފައެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަރަށް އަވަހަށް ބިދޭސީންގެ ބަޔޮމެޓްރިކް ޑާތާ އެއްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެގޮތުން، ހިންމަފުށީގައި ފެށީ މި އޮޕަރޭޝަނުގެ ފުރަތަމަ ބައި ކަމަށާއި މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://sun.mv/192292

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް