ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ މިނާގެ ފޭލިތަކުގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން މިއަދު ބުނެފިއެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން 1،150 މީހުން ސައުދީ އަރަބިއްޔާއަށް ދިޔައެވެ. އޭގެ ތެރެއިން، އެކަކު އިއްޔެ ވަނީ ނިޔާވެފައެވެ. އެއީ ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރެވެ.
ޙައްޖު މިޝަނުން މިއަދު ބުނީ، ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން މިހާރު ތިބީ މިނާގެ ފޭލިތަކުގައި ކަމަށެވެ. ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެ މިޝަނުން ބުންޏެވެ.
ޙައްޖުވެރިން މިއަދުގެ ބޮޑު ބައެއް ހޭދަކުރާނީ މިނާގެ ފޭލިތަކުގައެވެ. އެއަށް ފަހުގައި ދެން ދަތުރު ފަށާނީ ޙައްޖު އެންމެ މުހިންމު ރުކުން އަދާކުރުމަށެވެ. އެއީ، އަރަފާތު ބިމަށް ދިއުމެވެ.
އަރަފާތު ބިމުން އެނބުރި މިނާއަށް ޙައްޖުވެރިން އަންނާނީ ޙައްޖު ދުވަހަށް ފަހުއެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމައެވެ. އެއަށް ފަހުގައި އެނބުރި މިނާއަށް އައިސް ޙައްޖުވެރިން ޢީދު ދުވަހާއި އިތުރު ދެ ދުވަހު އެ ތަނުގައި މަޑު ކުރާނެއެވެ. މައްކާއަށް އެނބުރި ދާނީ އެ ތިން ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުގައެވެ.
ޙައްޖުގެ އަޅުކަން އަދާކުރަން މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.1 މިލިއަނަށްވުރެ ގިނަ މުސްލިމުން ވަނީ ސައުދީ އަރަބިއްޔާއަށް ޖަމާވެފައެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 1،150 މީހުން ވެސް ޙައްޖަށް ދިޔައީ ސަރުކާރުގެ ޙައްޖު ކުންފުނި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.