ފަލަމަސްގަނޑުގައި ފޮރުވައިގެން ޑުރަގު އެތެރެކުރަން އުޅުނު މީހަކު ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ފަލަމަސްގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ބަންދުކޮށްފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަލަމަސްގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށް، އިއްޔެ 30 ދުވަހަށް ބަންދުކޮށްފިއެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ އެއާޕޯޓުން ހައްޔަރުކޮށް، އިއްޔެ ވަނީ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ޝަފްޢަތު ހަބީބް ވަނީ އެ މީހާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އެ މީހާ އެއާޕޯޓުން ހުއްޓުވައި ބަލައި ފާސްކުރީ ލިބުނު މައުލޫމާތަކަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަދި، އެ މީހާ ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހާގެ ކަނާތު ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ހުރި ޕެކޭޖެއް ތަތްކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކޯޓު އަމުރުގައި ވާގޮތުން އެ މީހާގެ ފޯނުން ވެސް މަސްތުވާތަކެއްޗާ ގުޅޭ ޗެޓްލޮގްތަކެއް ވަނީ ފެނިފައެވެ.

އެ މީހާ ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށް ކޯޓު އަމުރުގައި ބުނި ނަމަވެސް، އެ މީހާ އަތުން ފެނިފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ދޭތެރެދޭތެރެއިން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މީހުން އަތުލައިގަނެއެވެ.

comment ކޮމެންޓް