ބޮޑު ޢީދަށް އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ އެއްވަނަ ޓީމަށް 10،000ރ.

އައްޑޫ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރު މިއަދު، އެސްއެސްޓީވީގެ ކްރޫއާ ބައްދަލުކުރެއްވުން: އައްޑޫގައި މިފަހަރު ބޮޑު ޢީދަށް ފޯރިގަދަ ސަގާފީ ކުޅިވަރުތަކާއި ވާދައިގެ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވޭ -- ސަން ފޮޓޯ

އައްޑޫ ސިޓީން ޝާނިހާ ޝަރީފް--

މިފަހަރުގެ އަޟްހާ ޢީދުގައި އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީއަށް އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 10،000ރ. އަދި ރަނަރަޕް ޓީމަކަށް 5،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅައިފިއެވެ.

"އައްޑޫ އީދި ސަމާ"ގެ ނަމުގައި މި އަހަރުގެ ބޮޑު ޢީދު އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށް މިހާރު އޮތީ ތައްޔާރަށެވެ.

ފޯރިގަދަ ސަގާފީ ކުޅިވަރުތަކާއި ވާދައިގެ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރަށުގެ އާންމު ރައްޔިތުންނާއި ކައުންސިލާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ބޮޑު ޢީދަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅިވަރަކަށް އޮތީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެވެ.

އައްޑޫ ފާހަގަކޮށްލެވެނީ ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ ސިޓީއެއްގެ ގޮތުގައެވެ.

ޢީދާ ދިމާކޮށް ބާއްވާ މި މުބާރާތުގައި 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި މާދަމާ ރޭ ގުރުއަތުލުން ބާއްވާނެއެވެ. ގުރުއަތުލުން އޮންނާނީ މަރަދޫ ފޭދޫ އަވަށު އޮފީހުގައި މާދަމާ ރޭ 08:30ގައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އެސްއެސްޓީވީގެ ކުރޫއާ ބައްދަލުކޮށް ޢީދުގެ އެންމެ ފަހުގެ އަދާހަމަތައް ހިއްސާކޮށްފައެވެ. މި ބައްދަލުކުރުމުގައި އައްޑޫ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީން، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ -- ސަން ފޮޓޯ

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގައި ބޮޑު ޢީދާ ދިމާކޮށް ބާއްވާ ހަރަކާތްތަކާއި މުބަރާތްތައް އެއް އަހަރުން އަނެއް އަހަރަށް ފުޅާވަމުން އަންނަ ކަމަށެވެ.

"އަވަށްތަކުގެ ފޯރި ވެސް ވަރަށް ގަދަ. ޚާއްސަކޮށް މަރަދޫގައި ވަރަށް ފޯރި ގަދަ ވާނެ. އެހެންނަމަވެސް ހުރިހާ އަވަށްތަކުގައި ވެސް ތަފާތު ހަރަކާތްތައް ކުރިއަށް ދާނެ. ދެން ފާހަގަކޮށްލެވޭ މަރަދޫގައި ޢީދު ނަމާދަށް ފަހު އޮންނަ ސައި. އެ ސައި ތައްޔާރުކުރާނެ މުޅި އައްޑޫ ސިޓީގެ މީހުންނަށް ވާވަރަށް،" އައްޑޫ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރު

ފުޓްސަލް މުބާރާތުގެ އިތުރުން ވެސް ވާދަވެރި ކުޅިވަރުތަކުގެ އެތައް މުބާރާތްތަކެއް ޢީދާ ގުޅުވައިގެން ސިޓީ ކައުންސިލުން ވަނީ ބާއްވަން ހަމަޖައްސާފައެވެ.

އެގޮތުން ވޮލީބޯޅަ މުބާރާތް، ވާދެމުން، ބައިބަލާ މުބާރާތް އަދި ޓްރެޝާ ހަންޓު ފަދަ އާންމުންގެ މެދުގައި ފޯރި އޮންނަ ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://sun.mv/192663

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ، ޓްރެޝާ ހަންޓުން އެއްވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 15،000 އަދި ތިންވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އައްޑޫ އީދި ސަމާގެ ކުޅިވަރުތައް އެސްއެސްޓީވީ މެދުވެރިކޮށް ލައިވްކޮށާއި ރިކޯޑްކޮށްގެން ވެސް ދައްކާނެއެވެ. އަދި ޢީދާ ގުޅުން ހުރި ޚަބަރުތައް ސަން އޮންލައިންގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެސްއެސްނެޓްގެ ޗެނަލް ނަމްބަރު އެކަކުން އަދި މީޑިއާނެޓުގެ ޗެނަލް ނަމްބަރު 122އިން އެސްއެސްޓީވީ ފެންނާނެއެވެ.

އަދި އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން އީދުގެ ހަރަކާތްތައް ލައިވްކުރާނެއެވެ. ހަމައެއާއެކު ސަން އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވެސް އެސްއެސްޓީވީގެ ލައިވް ފީޑް ބެލޭނެއެވެ.

comment ކޮމެންޓް