"އައްޑޫ އީދި ސަމާ"ގެ ކުލަގަދަ ހަރަކާތްތައް މިފަހަރު އެސްއެސްޓީވީން

އައްޑޫ އީދިސަމާ 1440-- ފޮޓޯ/ އޭއޯ ނިއުސް

އައްޑޫ ސިޓީގައި މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބާއްވާ "އައްޑޫ އީދި ސަމާ"ގެ ކުލަގަދަ ހަރަކާތްތައް އެސްއެސްޓީވީން ގެނެސްދޭން ހަމަޖެހިއްޖެއެވެ.

މިކަމަށް ޓަކައި އެސްއެސްޓީވީ އާއި އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

އައްޑޫގައި މިއަހަރުގެ އީދާ ގުޅިގެން ކުރިއަށްގެންދާ ކުޅިވަރުތައް "ސަން"އާ ހިއްސާކުރައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، މި ހަރަކާތްތައް ފަށާނީ އީދު ވިލޭރޭ ބައްވާ ކުލަގަދަ ސަގާފީ ހަރަކާތްތަކަކުން ކަމަށެވެ. މި ހަރަކާތްތައް ހިތަދޫ ސިޓީ ސްކުއެއާ އާއި އަވަށްތަކުގައި ވެސް ބާއްވާނެއެވެ.

އީދު ދުވަސް އީދު ނަމާދުން ފެށުމަށްފަހު، ކުލަޖެހުމާއި ފެންޖެހުން ފެށޭނެއެވެ. އަދި ވާދެމުމާއި އީދާ ގުޅިގެން ބާއްވާ ބައިބަލާ މުބާރާތް ވެސް އީދު ދުވަހު ފަށަން ވަނީ ނިންމާފައެވެ. މި މުބާރާތްތައް ފަސް ދުވަހަށް ދިގުދެމިގެން ދާނެއެވެ.

އައްޑޫ އީދިސަމާ 1440-- ފޮޓޯ/ އޭއޯ ނިއުސް

މީގެ އިތުރުން، މަރަދޫ ފޭދޫގައި ފުޓްސަލް މުބަރާތާއި ވޮލީބޯޅަ މުބާރާތެއްގެ އިތުރުން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

"ޓްރެޝާ ހަންޓުގެ ނަމުގައި ބޭއްވޭ ވަރަށް ބޮޑު އިވެންޓެއް އެބައޮތް. އެއީ އައްޑޫގެ ހުރިހާ އަވަށްތައް ހިމެނޭހެން ބޮޑު އިނާމަކާއެކު ކުރިއަށްދާ ހަރަކާތެއް. ފަސް ބޭފުޅުންގެ ޓީމުތަކުން ބައިވެރިވާނީ. އެ ޓީމުތަކުން އައްޑޫ ނޭޗާ ޕާކުން ފަށާގޮތަށް އަދި ހުޅުދޫ މީދޫއަށް ނިންމާގޮތަށް އޮންނާނީ. ކޮންމެ ރަށަކަށް ގޮސްފައި ވެސް އެރަށެއްގައި އޮންނަ އިވެންޓުތަކެއްގައި ބައިވެރި ވާނެ،" ނިޒާރު ވިދާޅުވިއެވެ.

ޓްރެޝާ ހަންޓުން އެއްވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ، ދެެވަނައަށްދާ ޓީމަކަށް 15،000 އަދި ތިންވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ އިނާމުގެ ގޮތުގައި ކަނޑައަޅާފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އީދުގެ ފޯރި ގަދަކުރުމާއި ރަށުތެރޭގައި އީދުގެ ކުލަ ގަދަކުރުމަށް އެންމެ ރީއްޗަށް ދިރިއުޅޭ ގެ ޒީނަތްތެރި ކުރާ ބަޔަކު ހޮވާ، އިނާމެއް ދިނުމަށް ވެސް ނިންމާފައި ވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު އައްޑޫގައި ޢީދު ފާހަގަކުރުމުގައި އިންޑިއާގެ ލަވަކިޔުންތެރިއަކު ބައިވެރިވެފައި ވެއެވެ. ނިޒާރު ވިދާޅުވީ، މިއަހަރު ވެސް ބޭރުގެ ފަންނާނަކު ބައިވެރި ކުރުމަށް މަސައްކަތް ކުރައްވާކަމަށެވެ.

އީދުގެ އެންމެ ފަހުޝޯ އޮންނާނީ 22 ޖޫން ދުވަހުގެރޭ އައްޑޫ ސިޓީ ސްކުއެއާގައެވެ. މި ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާނެއެވެ. އެގޮތުން އީދުގެ ވަދާއީ ޝޯގައި ޝަމްވީލް މުހައްމަދާއި ސައިނާ ރަޝީދު އަދި ޝަލަބީ އިބްރާހީމް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގެ އީދު ހަރަކާތްތައް މީގެ ކުރިން ފޭސްބުކް މެދުވެރިކޮށް އަބަދު ވެސް ލައިވް ކުރާކަމަށެވެ. ނަމަވެސް، އެސްއެސްޓީވީ މެދުވެރިކޮށް މި ފަހަރު މުޅި ރާއްޖެއަށް އައްޑޫގެ ފޯރިގަދަ އީދު ފެންނާނެތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމަ އަޅުގަނޑު އެސްއެސްޓީވީގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިޒާރު ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅިގެން އެސްއެސްޓީވީގެ ފަރާތުން ޒަހީން ވިދާޅުވީ، އައްޑޫ ފަދަ ބޮޑު ސިޓީއެއްގެ ކުލަގަދަ އީދު ހަރަކާތްތައް އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދެވޭތީ އުފާކުރައްވާ ކަމަށެވެ.

އަދި މި ފުރުޞަތަކީ އެސްއެސްޓީވީ އާއި ސަން އޮންލައިން، އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި މަޤްބޫލު ވަސީލަތްތަކަށް ހެދުމަށް ލިބޭ މުހިއްމު ފުރުސަތެއްކަމުގައި ޒަހީން ވިދާޅުވިއެވެ.

އަދި މިކަމަށް ޓަކައި އެސްއެސް މީޑިއާގެ ބޮޑު ޓީމެއް އައްޑޫ ސިޓީއަށް ގޮސް، އެ ސިޓީގައި ތިބެގެން ޢީދުގެ ޙަރަކާތްތަކާއި އެހެނިހެން ޝޯތައް ވެސް ގެނެސްދޭނެކަމުގައި ޒަހީން ވިދާޅުވިއެވެ.

comment ކޮމެންޓް