އަންހެން މެންބަރުން އިތުރުކޮށް، ޖުމުލަ މެންބަރުން މަދުކުރަން އިތުރު ބިލެއް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު މަދުކޮށް، އަންހެން މެންބަރުންގެ ނިސްބަތް އިތުރުކުރަން ގާނޫނުއަސާސީއަށް ބަދަލުގެންނަން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ. މި ބިލުގައި މެންބަރުންގެ އަދަދާއި މެންބަރުން އިސްލާހުކުރެވޭ ގޮތަށް ބަދަލުގެންނަން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން، ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ނ އެއް އިތުރުކުރަން އާޒިމް ވަނީ ހުށަހަޅުއްވައިފައެވެ. އެ އަކުރުގައި ބުނަނީ:

  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 36،000 އަށްވުރެ ބޮޑުނަމަ ފަސް މެންބަރުން

މީގެ އިތުރުން، އާޒިމް ވަނީ ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ރ. އަދި ބ. އިތުރުކުރަން ހުށަހަޅައިފައެވެ. އިތުރުކުރަން ހުށަހެޅި ދެ އަކުރުގައި ބުނަނީ:

  • ޕާޓީތަކުން ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާއެއް އަންހެނުންނަށް ހާއްސަކުރަންވާނެ
  • އެކަން ކަށަވަރުކުރަން ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި ތަފުސީލު ބަޔާންކުރަންޖެހޭ

https://sun.mv/189315

މި އިސްލާހުގައި ބުނެފައިވާގޮތުން އިސްލާހު ފާސްވެ، ތަސްދީގުކުރުމާ އެކު އަމަލުކުރަން ފެށި ނަމަވެސް އެގޮތަށް މެންބަރުން އިންތިޚާބުކުރާނީ މަޖިލީހުގެ މި ހިނގާ ދައުރަށް ފަހު ދެވަނައަށް އިންތިޚާބުކުރާ މަޖިލީހުން ފެށިިގެންނެވެ.

މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާފައިވާއިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ތާއީދުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެކަމަކު، ޑިމޮކްރެޓްސްއާއި އެމްޑީޕީގެ ވޯޓުތައް ބައިބައިވެއްޖެ ނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެދާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ގާނޫނުއަސާސީއަށް ބަދަލުގެންނަން ހުށަހެޅި ދަ ޑިމޮކްރެޓްސްގެ ތިއްބަވަނީ 13 މެންބަރުންނެވެ. އެމްޑީޕީގައި 42 މެންބަރުން ތިއްބަވައެެވެ.

comment ކޮމެންޓް