ވޮޝިންޓަން (17 ޑިސެމްބަރު 2025) : އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގައި އޮތް އިސްރާއީލު ނުފޫޒު މިހާރު ހަގީގަތުގައި ވެސް ކުޑަ ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓްހައުސްގެ ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި އިސްރާއީލުގެ ނުފޫޒު ކުޑަވިޔަސް އެމެރިކާގެ އެއްވެސް ރައީސަކު އިސްރާއީލަށް ކަންކަން ކޮށްދީފައިނުވާވަރަށް އޭނާގެ ވެރިކަމުގައި އެމެރިކާއިން އިސްރާއީލަށް ކަންކަން ކޮށްދީފައިވާނެ ކަމުގައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި މީގެ ތިރީހަކަށް އަހަރުކުރިއަށް ބަލާއިރު އެމެރިކާގެ ކޮންގްރެސް އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރަނީ އިސްރާއީލަށް ވާގިވެރވާ އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކުންނެވެ. ނަމަވެސް މިހާރު އެދުވަސްވަރާ ގާތްކުރާ ވަރަށްވެސް ކޮންގްރެސްގައި އިސްރާއީލުގެ ނުފޫޒު ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އާންމު ރައްޔިތުންގެ ތެރޭގައިވެސް އިސްރާއީލާ ދެކޮޅު މީހުން ވަރަށް ބޮޑަށް ގިނަވަމުންދާކަމަށާ އިސްރާއީލަށް އެހީތައް ދިނުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއްތޯ އާއި އިސްރާއީލު ހިމާޔަތް ކުރުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއްތޯ އެމެރިކާގެ އާންމުންގެ ގިނަ ބަޔަކު މިހާރު ސުވާލު ކުރަމުން ދާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ނިޔުޔޯކްގެ މޭޔަރުކަމަށް އިސްރާއީލާ އިދިކޮޅު ބޭފުޅެއްކަމަށްވާ ޒަހުރާން މަމްދާނީ އިންތިޚާބު ވުމަކީ އެމެރިކާގެ އާންމު ރައްޔިތުންގެ ތެރޭގައި އިސްރާއީލާ ދެކޮޅު މީހުން ވަރަށް ބޮޑަށް ގިނަވަމުންދާކަމުގެ އެންމެ އަލިގަދަ ހެކިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އިސްރާއީލާމެދު އެމެރިކާ ދެކޭގޮތް ބަދަލުވާން ފެށީ ޣައްޒާގެ ހަނގުރާމައާއެކުގައެވެ. ނަމަވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ގަތުލުއާންމުތައް ހިންގައި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލަން އިސްރާއީލު ހިންގާ ޖަރީމާތައް ކުށްވެރިކުރަން ޓްރަމްޕް ވަނީ ފަސްޖެހިފައެވެ.
އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލްކުރަމުން ގެންދާ ވޭނާއި ކެކުޅުންތަކާމެދު އެމެރިކާ ހަނުހުންނަ މައްސަލައާބެހޭގޮތުން ވާހަކަ ދެއްކުމަށްވެސް ޓްރަމްޕް ވަނީ ފަސްޖެހިވަޑައިގެންފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްސަލައާމެދު އަޅަނުލައްވައި އަދި އެކަން ދެނަހުރި ކަމަށް ނުހައްދަވައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އާންމުންގެ މެދުގައި ޔަހޫދީން ދެކެ ރުޅިއައުމުގެ މައްސަލަ (އެންޓި ސެމިޓިޒަމް) ފެތުރެމުންދިޔުމަކީ ބޮޑު މައްސަލައެކެވެ. އެކަން ހުއްޓުވަން އެބަޖެހެއެވެ. އެންޓި ސެމިޓިޒަމް ގެ މައްސަލައަކީ އެމެރިކާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއްމައްސަލަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޓެރަރިޒަމާއި މުސްލިމުންނާ ގުޅުވައިގެން އަދި އިސްލާމް ދީނާއި ހަރުކަށިކަމާ ގުޅުވައި އިސްލާމިކް "ރެޑިކަލައިޒޭޝަން" ގެ ޓެރަރިޒަމް އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އަލްގާއިދާއާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ފަހަތުގައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އެވެ. އަނެއްކޮޅުން މިޖަމާއަތްތަކުން އާންމުން މަރާވަރަށް ވުރެ އެމެރިކާ އިސްލާމީ ގައުމުތަކަށް ދޭ ހަމަލާތަކުގައި އާންމުން މަރާފައިވާ މިންވަރު މާބޮޑުކަން ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ހަނގުރާމަ ތަކާއި ހަމަލާތަކުގައި އާންމުން މެރުމަކީ ޓެރަރިޒަމެވެ.
އެމެރިކާގައި އޮތް އިސްރާއީލުގެ ނުފޫޒު ބޮޑުތަނުން ކުޑަވެއްޖެކަމަށް ވިދާޅުވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ކޮންގްރެސްގެ އެތަށް މެންބަރަކު މިހާރު ގެންދަވަނީ އިސްރާއީލު ކުށްވެރިކޮށް އިސްރާއީލަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި އެމެރިކާގެ ޑީޕްސްޓޭޓް ގެ މަސްލަހަތާއި އިސްރާއީލާ ގުޅިފައިވުމާ އަދި އެމެރިކާގެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ޔަހޫދީ ޒަޔަނިސްޓުން ގިނަވުމާއި އެމެރިކާގެ ބޮޑެތި ކުންފުނިތަކަކީ ޔަހޫދީ ޒަޔަނިސްޓުންނާއި އިސްރާއީލުގެ މަސްލަހަތާ ގުޅިފައިވާ ފަރާތްތައް ކަމަށްވާތީ އެމެރިކާއިން އިސްރާއީލަށް ކުރާ ތާއީދު ކުޑަވުމަކީ އެހާފަސޭހައިން ވާނެކަމެއް ނޫނެވެ. އެކަމަށް އަހަރުތަކެއް ނަގާނެއެވެ.
އެމެރިކާއަކީ ޑިމޮކްރަސީ އެއްގެ ގޮތުގައި ސިފަކުރެވޭ އަދި ޑިމޮކްރަސީގެ މައްޗަށް މުއައްސަސާތަކާއި ގާނުނުތައް ބައްޓަން ކޮށްފައިވާ ގައުމެއް ނަމަވެސް ހަގީގަތުގައި އެމެރިކާއަކީ މުއްސަނދި މަހުޖަނުންނާއި ކުންފުނިތަކުން ކޮންޓްރޯލް ކުރާ ގައުމެކެވެ. އެމެރިކާގެ ރައްޔިތުންގެ ބާރުވެރިކަން ނިސްބަތުން އެގައުމުގެ ޑިސިޝަން މޭކިންގްގައި ކުޑައެވެ.
އެމެރިކާގެ އިންތިޚާބުތައް ކާމިޔާބުކުރާ އެމެރިކާގެ ސިޔާސީ ލީޑަރުން ނިންމުތައް ނިންމަވަނީ އެބޭފުޅުންގެ ކޭންޕެއިންއަށް މިލިޔަނުން ޚަރަދުކުރާ ފާރަތްތަކުގެ މަސްލަހަތަށް ރިއާޔަތް ކޮށްގެންނެވެ. އެއީ ޒަޔަނިސްޓް މަހުޖަނުންނާއި ލޮބީ ގްރޫޕްތަކާއި ކުންފުނިތަކެވެ. މިފަރާތްތައްވަނީ އިސްރާއީލާ ގުޅިފައެވެ. މިހާލަތު ބަދަލުވުމަށް އަދިވެސް އެތަށް އަހަރެއް ނާގައެވެ.
އެމެރިކާގެ މުއްސަނދި ކަމުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރަނީ އެންމެ 10 ޕަސެންޓް މީހުންނެވެ. އެއީ މުޅިންވެސް މަހުޖަނުންނެވެ. އެމެރިކާއަކީ އާދަޔާ ޚިލާފަށް ފަގީރުންނާއި މުއްސަނދިންގެ ފަރަގު ވަރަށް ބޮޑު ގައުމެކެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގައި މަހުޖަނުންނާއި ކުންފުނިތައް އެންމެ ގިނަ ގައުމަކީވެސް އެމެރިކާއެވެ.