އިސްރާއީލުން އުންރުވާ އޮފީސް ރެއިޑްކޮށް އދ ގެ ދިދަ އެއްލާލައިފި

އިސްރާއީލުގެ ފުލުހުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އުންރުވާ އޮފިށް ބޭރުގައި މަޑުކޮށްގެން. ފޮޓޯ/ރޮއިޓާސް

އިސްރާއީލު ސިފައިން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދ ގެ މައި މަރުކަޒު، އުންރުވާއަށް ވަދެ ބައެއް ތަކެތި އަތުލައި އެތަނުގައި ނަގާފައި ހުރި އދ އެއްލާލައި ބަދަލުގައި އިސްރާއީލުގެ ދިދަ ނަގައިފިއެވެ.

އުންރުވާގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރީނީ އެކްސްގައި ޕޯސްޓު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މުނިސިޕަލް އޮފިޝަލުންނާ އެކު އިސްރާއީލުގެ ފުލުހުން ވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝެއިޚް ޖަރާހުގައި ހުންނަ އެ އެޖެންސީގެ މަރުކަޒަށް ގަދަކަމުން ވަދެފައެވެ.

"ފުލުހުންގެ ސައިކަލުތަކުގެ އިތުރުން ޓްރަކްތަކާއި ފޯކްލިފްޓްތައް ގެނެސް، މުވާސަލާތީ ވަސީލަތްތައް ބޭނުން ނުކުރެވޭގޮތް ހެދި. ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓާއި އެހެނިހެން މުދާ ހިފެހެއްޓި." އޭނާ ވިދާޅުވިއެވެ.

"އދގެ ދިދަ އެއްލާލައި އޭގެ ބަދަލުގައި އިސްރާއީލުގެ ދިދައެއް ޖެހި."

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެ އިދާރާގެ ހުރިހާ ތަނެއް ހުސްކޮށް އިސްރާއީލުގެ އެތެރޭގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލުމަށް އަމުރުކުރުމުން މި އަހަރު ފެށުނީއްސުރެ އުންރުވާއިން އިން އެ އިމާރާތް ބޭނުންކޮށްފައެއް ނުވެއެވެ.

އުންރުވާ އޮފީހުގައި އިސްރާއީލުގެ ދިދަ ނަގާފައި. ފޮޓޯ/އޭޕީ

ލަޒާރިނީ ވިދާޅުވީ މީގެކުރިންވެސް އިސްރާއީލުން ވަނީ އެތަނުގައި އަލިފާން ރޯކޮށްލައި، ނަފްރަތު އުފެދޭ މުޒާހަރާތަކާއި ބިރުދެއްކުމުގެ އިތުރުން ދޮގު މައުލޫމާތު ކެމްޕޭނެއް ހިންގައި ބައިނަލްއަގްވާމީ ވާޖިބުތަކާ ހިލާފަށް އުންރުވާއާ ދެކޮޅަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނުތަކެއްވެސް ފާސްކޮށްފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތް، ހަމާސްއިން އިސްވެ އިސްރާއީލަށް ދިން ހަމަލާގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބުނެ އިސްރާއީލުގެ ބިމެއްގައި ޔުންރުވާއަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެ ތުހުމަތުތައް އުންރުވާއިން ދޮގުކޮށްފައިވާއިރު، އޮކްޓޯބަރު މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ ޔޫއެންއާރުޑަބްލިއުއޭއާ ދެކޮޅަށް އިސްރާއީލުން ކުރި ތުހުމަތުތަކަކީ ސާބިތު ހެއްކެއް ނެތް ތުހުމަތުތަކެއް ކަމަށް ނިންމާފައެވެ.

އަދި އައިސީޖޭންއިން ވަނީ އދ ން ޣައްޒާގައި ކުރިއަށް ގެންދާ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ހިފާފައިވާ ސަރަހައްދުތަކުގައި ހިންގާ އދ ގެ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އިސްރާއީލުގެ މައްޗަށް ގާނޫނީ ވާޖިބު އޮތް ކަމަށް ބުނެފައެވެ.

އުންރުވާ އަކީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގާ އެންމެ ބޮޑު އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާއެވެ. މެދުއިރުމަތީގެ އެތައް މިލިއަން ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި ސިއްޙީ ފަރުވާއާއި އިޖުތިމާއީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ވެސް އެ ޖަމިއްޔާއިން ފޯރުކޮށްދެއެވެ.

comment ކޮމެންޓް