އެޕަލްއާއި ގޫގުލްގެ އެޕް މޮނޮޕޮލީ ހުއްޓުވަން ޖަޕާނުން ގާނޫނެއް ހަދައިފި

އެޕަލްއާއި ގޫގުލްއަކީ މި ވަގުތު ދުނިޔޭގައި މޮބައިލް އެޕްގެ ދާއިރާގައި ރަސްކަން ކުރަމުންދާ ދެ ކުންފުނި ----

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޕަލްއާއި ގޫގުލްގެ ޕްލެޓްފޯމްތަކުގައި މޯބައިލް އެޕްލިކޭޝަންތައް ޑިސްޓްރިބިއުޓްކޮށް އޮޕަރޭޓްކުރުން މޮނޮޕޮލީކުރުން ހުއްޓުވުމުގެ ގޮތުން ޖަޕާނުން އާ ގާނޫނެއް ހަދައިފިއެވެ.

މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން ޓެކް ކުންފުނިތަކަށް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުގައި އެޕްލިކޭޝަންތައް ވިއްކުމާއި އޮޕަރޭޓްކުރުން ވަނީ މަނާކޮށްފައެވެ. މިއީ ވާދަވެރިކަން ޕްރޮމޯޓްކޮށް، އިންޓަނެޓް ސާޗު ރިޒަލްޓްގައި އެޕަލްއާއި ގޫގުލްއިން އަމިއްލަ ޚިދުމަތްތަކަށް އިސްކަން ދީގެން އެފަދަ ވިޔަފާރި ކޮންޓްރޯލްކޮށްގެން ކުރިއަށްދިއުން ހުއްޓުވުމުގެ ގޮތުން ފަރުމާކޮށްފައިވާ ގާނޫނެކެވެ.

ޓޯކިޔޯގެ ކިޔޯޑޯ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާ ގާނޫނުގެ ދަށުން ޓެކް ކުންފުނިތަކަށް އެ ކުންފުނިތަކުގެ ޕްލެޓްފޯމްތަކުގައި އެޕްލިކޭޝަންތައް ވިއްކުމާއި އޮޕަރޭޓްކުރުން މަނާކުރެއެވެ.

އެޕަލް ނުވަތަ ގޫގުލްއިން ގާނޫނާ ހިލާފުވެއްޖެ ނަމަ އެ ކުންފުނިތައް ޖޫރިމަނާ ކުރެވޭނެއެވެ. އަދި، އެ ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފަށާއިރު އަންނަ އަހަރު ނިމުމުގެ ކުރިން ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކަށް ކޮމްޕްލަޔަންސް ރިޕޯޓް ހުށަހަޅަން ވެސް ޖެހޭނެއެވެ.

ޖަޕާނުން މި ފިޔަވަޅު އަޅާފައިވަނީ ބޮޑެތި ޓެކް ކުންފުނިތަކުން، ޚާއްސަކޮށް މޮބައިލް އެޕްގެ ވިޔަފާރީގައި ބާރުގަދަވަމުންދާ މިންވަރު މުޅި ދުނިޔޭގައި ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފާޑުކިޔާ ފަރާތްތަކުން ޒަމާނުއްސުރެ ބުނަމުން ދަނީ އެޕަލްއާއި ގޫގުލްއިން އެ މީހުންގެ އޮޕަރޭޓިން ސިސްޓަމް، އައިއޯއެސް އަދި އެންޑްރޮއިޑްގައި އެޕް ޑިސްޓްރިބިއުޝަންގެ ކޮންޓްރޯލް އޮތުމުން ވާދަވެރިކަމާއި އާ އީޖާދުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އާ ގާނޫނުގެ ސަބަބުން ޖަޕާނުގެ އެޕް ސްޓޯރުތަކާއި ޑިސްޓްރިބިއުޝަން ޗެނަލްތަކަށް ފުރުސަތު ހުޅުވާލެވި، ޑިވެލޮޕަރުންނާއި ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކާއި ވާދަވެރި އަގުތައް ލިބޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް