އެކަނި ދިރިއުޅޭ، ޖަޕާނުގެ 40،000 މީހުން މިއަހަރު މަރުވެއްޖެ

ޖަޕާނުގައި އެކަނި ދިރިއުޅޭ 40،000 މީހުން މިއަހަރުގެ މިހާތަނަށް ވަނީ މަރުވެފައި -- ފޮޓޯ/ޖެޓީ އިމޭޖަސް

އެކަނި ދިރިއުޅޭ، ޖަޕާނުގެ ގާތްގަޑަކަށް 40،000 މީހުން މި އަހަރުގެ މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ދުވަސްވީ އާބާދީ އެންމެ ބޮޑު ގައުމަކަށް މިވަގުތު އޮތީ ޖަޕާނެވެ.

ޖަޕާނުން މަރުވި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން، ގާތްގަނޑަކަށް 4،000 މީހުން މަރުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ފެނިފައިވާއިރު، 130 ހަށިގަނޑު ފެނިފައި ވަނީ އެމީހުން މަރުވިތާ ގާތްގަޑަކަށް އަހަރެއްހާ ދުވަސް ފަހުން ކަމަށް އެ ގައުމުގެ ނޭޝަނަލް ޕޮލިސް އޭޖެންސީން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުން ނަގާފައިވާ ނޭޝަނަލް ޕޮލިސް އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގޭގައި އެކަނި ދިރިއުޅޭ ޖުމްލަ 37،227 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހުން 70 ޕަސަންޓަށްވުރެ ގިނައެވެ.

މިހާތަނަށް ފެނުނު ހަށިގަނޑުތަކުގެ ތެރެއިން އެންމެ ގިނައީ އުމުރުން 85 އަހަރާއި އެއަށްވުރެ މަތީގެ މީހުން ކަމަށާއި ދެން ހިމެނެނީ 75އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ބުނީ 2050ވަނަ އަހަރުގެ ނިޔަލަށް އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ ރައްޔިތުން ނުވަތަ އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދު 10.8 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭޕްރީލް މަހު ޖަޕާނު ސަރުކާރުން ވަނީ އެގައުމުގައި ޒަމާންތަކެއް ވަންދެން އޮތް އެކަނިވެރިކަމާއި އެކަހެރިވުމުގެ މައްސަލައާ ގުޅޭ ބިލެއް ހުށަހަޅާފައެވެ. އެ މައްސަލަ ދިމާވާ އެންމެ ބޮޑު ސަބަބަކީ ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމެވެ.

ޖަޕާނުން ވަނީ ދުވަސްވީ މީހުންގެ އާބާދީ ދަށްވަމުންދާތީ އެކަމާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަވެ. ނަމަވެސް މިހާތަނަށް ވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައެއްނުވެއެވެ.

ޖަޕާނުގެ އިތުރުން އަވަށްޓެރި ބައެއް އެހެން ގައުމުތަކަށް ވެސް ވަނީ އެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން 2022ވަނަ އަހަރު ޗައިނާގެ އާބާދީ 1961ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދަށްވެފައިވާއިރު، ދެކުނު ކޮރެއާއަކީ މުޅި ދުނިޔޭގައި ވެސް ދަރިމައިވާ ނިސްބަތް އެންމެ ދަށް ގައުމު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް