ސަންޝާން ތޫފާނުގެ ސަބަބުން ޖަޕާނުގެ އެއް އާއިލާއެއްގެ ހަތަރު މީހުން ގެއްލިއްޖެ

ސަންޝާން ތޫފާންގެ ސަބަބުން ޖަޕާނުގެ ހުޅަނގު ދެކުނުން، މިޔަޒަކީގައި އުފެދިފައިވާ އުސް ރާޅުތައް. ފޮޓޯ/ރޮއިޓާސް

ތޫފާނެއްގެ ސަބަބުން، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޖަޕާނުގެ އެއް އާއިލާއެއްގެ ހަތަރު މީހުން ގެއްލިއްޖެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ޖަޕާނުގެ ދެކުނުގައި އޮންނަ އަމާމީގެ އިރުއުތުރުން 80 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ތޫފާން ޝަންޝާންގެ ސަބަބުން ގަޑިއަކު 252 ކިލޯމީޓަރަށް ވަނީ ވައިގަދަވެފައެވެ.

އައިޗީ ޕްރިފެކްޗާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ގަމަގޯރީއަށް އެތައް ގަޑިއިރެއް ވަންދެން ބޯކޮށް ވާރޭ ވެހުމަށް ފަހު ރޭ ދަންވަރު ވަނީ އެ ސަރަހައްދުގައި ހުރި ގެއެއް ވެއްޓިފައެވެ. ފަސް މީހުން ދިރިއުޅޭ އެ ގޭގައި އުމުރުން 70 އަހަރުގެ ދެމަފިރިންނާއި، 40 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ދިރިއުޅެއެވެ. ނަމަވެސް ގެ ވެއްޓުމުގެ ސަބަބުން އެތަނުން ސަލާމަތްވެފައި ވަނީ އެންމެ މީހެއް ކަމަށާއި އަނެއް ހަތަރު މީހުންނަށް ވީނުވީއެއް ނޭނގޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އެއާލައިންތަކުން ދިހަވަރަކަށް ފްލައިޓް ކެންސަލްކޮށްފައިވާއިރު، ތޫފާނު އަސަރު ބޮޑުވާނަމަ، އިތުރު ފްލައިޓްތައްވެސް ކެންސަލްކުރަންޖެހޭނެ ކަމަށް އެއާލައިންތަކުން ބުނެއެވެ.

ޖަޕާން އެއާލައިންސްއިން ބުނީ އަންގާރަ ދުވަހާއި ބުދަ ދުވަހު އެތެރޭގެ 116 ފްލައިޓް ކެންސަލް ކުރާނެ ކަމަށާއި އޭގެ އިތުރުން ބައިނަލްއަގުވާމީ ހަ ފްލައިޓެއް ކެންސަލް ކުރާނެ ކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މެދުތެރޭ ޝިޒުއޯކާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ގޮސް ދެކުނު އަމާމީ ސަރަހައްދަށް އުސް ރާޅުތަކެއް އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

ޝަންޝާން މި ހަފުތާގައި ދެކުނުގެ މައި ރަށެއް ކަމަށްވާ ކިއުޝޫއާ ދިމާއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް