މޮލްޑޯވާ އަތުން ޔޫކްރޭނަށް ފަސޭހަ މޮޅެއް

ޔޫކްރޭނުން މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، ކޮންމެ ހާފެއްގައި ދެ ލަނޑުޖެހި --

ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ޔޫކްރޭނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި މޮލްޑޯވާ އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މިއީ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ޔޫކްރެއިން މިހާތަނަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު ވަނީ ޖަރުމަނާ އެއްވަރުކޮށްފައެވެ. އަދި ޕޮލެންޑް އަތުން ވަނީ ބަލިވެފައެވެ.

މޮލްޑޯވާ ކުޅުނު މި މެޗު ޔޫކްރެއިން ކާމިޔާބުކޮށްފައިވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޔޫކްރެއިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.

ޔޫކްރޭނުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑުޖަހައިފައެވެ. އެ ޓީމުން ލީޑްނެގީ މެޗު ފެށިގެން ދެވަނަ މިނެޓުގައި މިކޮލާ މަޓްވިއެންކޯ ދިން ބޯޅައަކުން ރޯމަން ޔަރެމްޗުކް ކާމިޔާބުކުރި ލަނޑުންނެވެ. މި ގޯލާއެކު ޔަރެމްޗުކް ވަނީ އެ ގައުމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައަށް ޖެހިލައިފައެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔޫކްރޭނުގެ ދެވަނަ ލަނޑުޖަހައިދިނީ ވިކްޓަ ސިގަންކޯވް އެވެ. މިއީ ޖިއޯޖީ ސުޑާކޯވްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ހާފުގައި ޔޫކްރޭންގެ ފުލްބެކް ވިޓާލީ މިކޮލެންކޯއަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. މިކޮލެންކޯ ވަނީ ނިމިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބު އެވަޓަން އާއެކު ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އާސެނަލްގެ އޮލެގްސެންޑާ ޒިންޗެންކޯ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޔޫކްރޭންގެ ތިންވަނަ ލަނޑުޖަހައިދިނީ އާޓެމް ޑޮވްބީކް އެވެ. މެޗުގައި ޔޫކްރޭނުން ޖެހި ހަތަރުވަނަ ލަނޑު، 55 ވަނަ މިނެޓުގައި ސުޑާކޯވް ކާމިޔާބުކޮށްދިނީ ޑޮވްބީކް ދިން ބޯޅައަކުންނެވެ.

މިއީ ޔޫރޯއަށް ތައްޔާރުވުމަށްޓަކައި މި މަހުގެ ތެރޭގައި ޔޫކްރޭން ކުޅުނު ތިން މެޗުގެ ތެރެއިން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މިފަހަރުގެ ޔޫރޯގައި ޔޫކްރޭން ހިމެނުނީ ގްރޫޕް އީ ގައެވެ. މި ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް އާއި ރޫމޭނިއާ އަދި ސްލޮވޭކިއާ އެވެ.

comment ކޮމެންޓް