ސަދާގެ މަރު: ކޯޓުން ބޭރުގައި ބަދަލުގެ މައްސަލަ ނިންމަން ދައުލަތުން ބޭނުމެއް ނުވި

އިހުމާލުން މަރުވި ސަދާ: އޭނާގެ މަރުގެ މައްސަލައިގައި މަދަނީ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ނިންމަން ދައުލަތުން ބޭނުމެއް ނުވި --

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި މަދަނީ ގޮތުން ބަދަލު ހޯދަން ކުރި ދައުވާ ކޯޓުން ބޭރުގައި ނިންމަން ޝަރީއަތުން ދިން ފުރުސަތު ދައުލަތުން މިއަދު ދޫކޮށްލައިފިއެވެ.

ބަނޑަށް ތަދުވެ ހޮޑުލެވޭތީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ސަދާ މަރުވީ އޮކްޓޫބާރު 3، 2021 ގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް އެ މައްސަލަ ހުށަހެޅުމުން ވަނީ ސަދާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ނިންމައިފައެވެ. އަދި، މަދަނީ ބަދަލު ހޯދުމުގެ ހައްގު އާއިލާއަށް ލިބިގެންވާ ކަމަށް އެޗްއާރުސީއެމުން ވަނީ ނިންމައިފައެވެ. އެހެންވެ، ސަދާގެ އާއިލާގެ ފަރާތުން ވަނީ ބަދަލު ހޯދަން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައެވެ.

ސިވިލް ކޯޓުގައި އާދިއްތަ އެ މައްސަލައިގެ އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ވަނީ ސަދާގެ މައްސަލައިގައި އިހުމާލުވެފައި އޮތް ކަމަށް ދައުލަތުން އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

އެހެންވެ، ޝަރީއަތުން ވަނީ ދައުލަތާ އެކުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމަން ދެ ދުވަހުގެ މުއްދަތެއް ދިނެވެ.

އެ މުއްދަތު ހަމަވެ، މިއަދު 11 ޖެހީއިރު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި، މި މައްސަލައިގައި ޝަރީއަތުން ބޭރުގައި ގޮތެއް ނިންމަން ޝަރީއަތުން ދިން ފުރުސަތު ދޫކޮށްލައިފައެވެ. ދައުލަތުން އެދުނީ ޝަރީއަތުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައިދިނުމަށެވެ.

https://sun.mv/193010

މި މައްސަލައިގައި ސަދާގެ އާއިލާގެ ފަރާތުން ވަކާލާތު ކުރާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ ކޯޓުން ބޭރުގައި ނިންމަން އާއިލާއިން ބޭނުންވަނީ ޝަރީއަތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން އިންސާފު ލިބެން ގިނަ ދުވަސްތަކެއް ހޭދަވާތީ ކަމަށެވެ.

ސަދާގެ މަރު ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން ސަދާގެ ބައްޕަ ސައުދުﷲ ޙަސަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް އެ މައްސަލަ ހުށަހެޅުމުން، ސަދާގެ މަރުގައި އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި، ކުއްޖާއަށް ފަރުވާ ދިނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ނުބަލާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭންޖެހޭއިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރިކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް