ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ 'ފަލަސްތީނާއެކު ދިވެހީން' ޓެލެތޯން މިއަދު ފަށައިފިއެވެ.
މި ޓެލެތޯން ފަށައިފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އަދި މިރޭ 12:00 ގެ ނިޔަލަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.
މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
މިއަދު ފެށި މި ޓެލެތޯންގައި ރައީސްގެ އިތުރުން ކެބިނެޓު މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވައިފައެވެ.
މި ޓެލެތޯން އަކީ ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަށް ޕަބަލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ޓެލެތޯންއެއް ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ. މި ތެލެތޯންގައި އެސްއެސްޓީވީއިން ވެސް ބައިވެރިވެއެވެ.
ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވީ ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަގީން ކުރަން މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވަނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މިޓެލެތޯންގައި އެންމެންވެސް ބައިވެރިވުން މުހިންމު ކަން ފާހަގަ ކުރައްވައިފައެވެ.
ޒީނާ ވިދާޅުވީ މި ޓެލެތޯން މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިއަދު ކުރިއަށްގެންދާ މި ޓެލެތޯންގައި މާލޭ ސަރަހައްދުގެ 13 ސަރަހައްދެއްގައި ފަނޑު ފޮށި ވަނީ ބަހައްޓައިފައެެވެ. އަދި މި ފަނޑު ފޮށި ތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި ދެން ހުރި ހުރިހާ ފަންޑު ފޮއްޓެއް އިރު އޮއްސުމުގެ ނިޔަލަށް ހުންނާނެއެވެ.
މީގެ އިތުރުން މި ޓެލެތޯންގައި އޮންލައިނކޮށް ވެސް އެހީގެ ފައިސާ ޖަމާކުރެވޭނެ ނިޒާމު ވަނީ ގާއިމު ކޮށްފައެވެ. އެގޮތުން އެހީގެ ގޮތުގައި ދިވެހި ރުފިޔާ ޖަމާކުރާނަމަ އެ ފައިސާ ޖަމާކުރާނީ 7730000655865 އަށެވެ.
އަދި ޑޮލަރު ޖަމާ ކުރާނަމަ ޖަމާކުރާނީ 7730000655866 އެކައުންޓަށެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް 'އަހަރުމެން ފަލަސްތީނާއެކު' ގެ ނަމުގައި ވަނީ ޓެލެތޯންއެއް ކުރިއަށް ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.