ފުރަތަމަ އުޅުނީ އިންޑިއާ ބާކީކުރަން ކަމަށާއި އެކަމަކު މި ސަރުކާރަށް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ދޫކޮށްލައިގެން ނޫޅެވޭނެތީ ވިސްނުން ބަދަލުކުރީ ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މިހާރު އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވި ގޮތުގައި މި ސަރުކާރުން އިންޑިއާ ދޫކޮށްލައި، އަދި އެހެން ގައުމަކުން ރާއްޖެއަށް ބިލިއަނުން ޑޮލަރުން އެހީނުވެއްޖެ ނަމަ ރާއްޖޭގެ އިގުތިސާދު ދާނީ ބަނގުރޫޓުވުމުގެ މިސްރާބަށެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ އެ ގައުމާ ޖެހިގަނެގެން ނޫޅެވޭނެ ކަމަަށެވެ.
"..އިންޑިއާއާ ޖެހިގަނެގެނެއް ނޫޅެވޭނެ، ހިތާ ދެކޮޅަށް ވިޔަސް ޖެހޭނީ ގުޅިގެން މަސައްކަތް ކުރެވޭތޯ ބަލަން. އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ އެއްވެސް ކޮޅެއްގައި ލައްވާނުލައި، ދެ ފެންދޭތެރޭގައޭ ތިއްބަވަން ޖެހޭނީ،" ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވާ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ވަކި ގައުމެއްގެ ފަރާތުން އެހީ ހޯދަން ބޭނުންވެގެން އިންޑިއާ ބާކީކޮށްލާފައެވެ.
ހުރިހާ ގައުމަކާ އެކު ވެސް މަސައްކަތްކުރުމުގެ ވިސްނުން ކޮންމެ ގައުމެއްގެ ޚާރިޖީ ސިޔާސަތުގައި ވެސް އޮންނަންވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މަސައްކަތް ކުރަންޖެހޭނީ ގުޅިގެން ކަމަށެވެ.
"އެހެން ނަމަވެސް މި ސަރުކާރުން ދިމާކުރީ ފުރަތަމަ ވެސް އިންޑިއާ ދޫކޮށްލާފައި ވަކި އެހެން ގައުމެއްގެ ނޫނީ ވަކި އެހެން ގައުމުތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ކުރިއަށް ގެންދެވޭތޯ، އެކަމު އެއަށްވުރެ ބަނދެވިފައި އޮތީ. ދޫކޮށްލެވޭނެ ގޮތެއް ވެސް ނޯންނާނެ، ހަމަ އިންޑިއާއާ ގުޅިގެން މަސައްކަތް ކުރަން ރާއްޖޭގެ ކޮންމެ ވެރިއަކު އައިކަމުގައިވީ ނަމަވެސް، މި އޮތް ސަރަހައްދުގެ ގޮތުން ދުނިޔޭގެ ސުލްހައަށްޓަކައި ވެސް އެކަން ކުރަންޖެހޭނެ،" ބިގޭ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ސަރުކާރުގެ އިސް ވަފުދެއް އިންޑިއާއަށް ވަޑައިގަތެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒުވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފައެވެ. މުޅި ދަތުރުފުޅުގެ ތެރެއިން ފެނިގެން ގޮސްފައިވަނީ މޯދީއާއި ރައީސް މުޢިއްޒު ވަރަށް އަރިހުގައިި ތިއްބަވާ މަންޒަރެވެ.
މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ އެކު ވެސް މަޝްވަރާކުރައްވައިފިއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ސިޔާސަތަކީ އިންޑިއާއާ އިތުރަށް ގުޅުން ބަދަހިކުރުން ކަމަށާއި އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބީއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މި އަހަރުގެ ކުރީކޮޅު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
ނަމަވެސް، ޒަމީރު މިދިޔަ މަހުގެ އަށްވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ތަންކޮޅެއް ރަނގަޅުވެފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.