އިހަވަންދޫއިން ވެސް ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ހީލަތުގެ މައްސަލައާ ގުޅިގެން ހޯދަމުން އަންނަ އާދަމް ރަޝީދު --- ފޮޓޯ/ ފުލުހުން

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ހޯދަން އިއުލާނުކުރީ ކ.މާލެ، ގ. ބްލޫރިވަރ، އާދަމް ރަޝީދު (38އ) އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ، އޭނާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި މަހުގެ 24 ވަނަ ދުވަހުގެ 11:00އަށް ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގް ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 23ގައި ވެސް ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައިވީ ފައިސާގެ ގެއްލުނު އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް