ދާންދޫ ޕޮލިހުން ވެސް ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ހީލަތުގެ މައްސަލައެއްގައި ހޯދާ އަޙްމަދު ޝާހީން ---

މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަނެއްކާ މިއަދު ވެސް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ހީލަތުގެ މައްސަލައެއްގައި ހޯދަން މިއަދު އިއުލާނުކުރީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައެއްގައެވެ. ހީލަތުގެ ގިނަ މައްސަލަތަކެއްގައި މީހުން ހޯދަން މީގެ ކުރިން ވެސް ގިނަ އިއުލާނުތަކެއް ކޮށްފައިވެއެވެ.

ފުލުހުން ބުނީ، ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުން އަންނަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ، އަޙްމަދު ޝާހީން (ތ. ގުރައިދޫ) އެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އަންނަ ބުދަ ދުވަހުގެ ކުރިން ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިތުރުވެފައެވެ. އެގޮތުން، އިއްޔެ ވެސް މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައިވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.

މި އަހަރު ވެސް ބޮޑެތި އަދަދުތަކަކުން ސްކޭމްކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް